27 Sep 2014, 19:45
ބާޒާރުމަތީގައި ހުންނަ ނޭވާޑާ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެތަނުގައި ހުންނަ ދެ ފިހާރައެއް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
މިއަދު ހަވީރު 5:30 އެހައިކަންހާއިރު ހިނގި އެ ހާދިސާގައި ނެވާޑާ ހުޅަނގުބައިގައި ހުންނަ އެސްޓަން ޓްރޭޑާސްގެ މަތީ ބަޔާއި އެތަނުގެ އިރުމަތީ ބައިގައި ހުންނަ އިވްނިންގް ސްޓޯރުގެ މަތީބަޔާއި ތިރީބައި ވަނީ އެއްކޮށް އަނދައި ހުލިވެފައެވެ.
ހޯލްސޭލްކޮށް މުދާވިއްކާ އެ ދެ ފިހާރައިގައި ހުރި މުދާތައް، އަލިފާނުގެ ހާދިސާގެ ސަބަބުން ބޭނުން ނުކުރެވޭ ވަރަށް އަނދައިހުލިވި ނަމަވެސް އެއްވެސް މީހަކަށް ގެއްލުންލިބިފައެއް ނުވެއެވެ.
މިހާތަނަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ ހާދިސާ ހިގަންމެދުވެރިވީ އެސްޓަން ޓްރޭޑާސްގެ މަތީބައިން ކަރަންޓު ޝޯޓެއް ވެގެންނެވެ.
އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ޓީމުން ވަނީ އެ ސަރަހައްދަށް ގޮސް ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަށައިފައެވެ. ފަޔާ އެންޑް ރެސްކިއު ސާވިސްގެ ޓީމާ އެކު ފުލުހުން ވެސް ވަނީ އަލިފާން ނިއްވުމުގައި ބައިވެރިވެފައެވެ.