އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ސްޓޯކް ސިޓީ އަތުން ބަލިވެއްޖެނަމަ ކޯޗު އަލާން ޕާޑިއު ޓީމުން ވަކިކުރާނެ ކަމަށް ބުނެ ނިއުކާސަލް ޔުނައިޓެޑްގެ ވެރިޔާ މައިކް އެޝްލީ ޕާޑިއުއަށް އިންޒާރެއް ދީފި އެވެ.

އާ ސީޒަންގައި ކުޅުނު ފަސް މެޗުން ލިބުނު ތިން ޕޮއިންޓާއެކު އިނގިރޭސި ލީގުގެ ތާވަލުގެ އެންމެ ފުލުގައިވާ ނިއުކާސްލް ގެ ކޯޗަށް ބްރިޓޭނިއާ ސްޓޭޑިއަމްގައި ކުޅޭ މެޗު ކާމިޔާބު ނުކުރެވިއްޖެނަމަ ޓީމަށް އަލްވަދާއު ކިއަން ޖެހޭނެ ކަމަށާއި ނިއުކާސްލްގެ ސަޕޯޓަރުންންވެސް ތިބީ މިފަހަކަށް އައިސް ކްލަބުން ނެރެމުން އަންނަ ދަށް ނަތީޖާ ތަކާއި މެދު ހިތްހަމަނުޖެހިފައި ކަމަށެވެ.

" އަހަރެން ވަރަށް ކެތްކުރިން. އޭނާއަށް ދެން އަހަރެން ދޭނީ އެއްމެ މެޗެއް. ސްޓޯކް މެޗުން ބަލިވެއްޖެނަމަ ކްލަބް ދޫކޮށްލަން ޖެހޭނީ. އަހަރެން ވާނީ ބޮޑު ޚަރަދެއް ކޮށްފައި ޓީމު ވަރަގަދަކޮށް ލީގުގައި ރަނގަޅު ކާމިޔާބެއް ހޯދަމަށް. އެކަމަކު މިފެންނަނީ އެހެން މަންޒަރެއް. ޓީމުން ރަނގަޅު ނަތީޖާއެއް ނެރޭ ތަނެއް ނުފެނޭ." މައިކް ބުންޏެވެ.

ރިޕޯޓްސް ތައް ބުނާގޮތުން ނިއުކާސްލް ވެރިޔާ ވަނީ މީގެ ތިން ހަފްތާކުރިން ސައުތޭމްޓަން އަތުން 4-0 ން ބަލިވި މެޗައްފަހު ކޯޗު ޕާޑިއުއާ ބައްދަލުކޮށް ޓީމު ނެރެމުންދާ ދަށް ނަތިޖާތަކާއި ބެހޭގޮތުން މަޝްވަރާކޮށްފައެވެ.

އެންމެ ފަހުން ލީގުގައި ހަލް ސިޓީއާ ވާދަކޮށް 2-2 ން އެއްވަރުވި މެޗަށްފަހު ނިއުކާސްލްގެ ސަޕޯޓަރުން ވަނީ އަލަން ޕާޑިއުގެ އިސްތިއުފާއަށް ގޮވައި ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

މިފަހަރުގެ ޓްރާންސްފާގައި ޓީމުގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއް ވަނީ ޓީމު ދޫކޮށް ގޮސްފައެވެ. މީގެ ތެރޭގައި އާސެނަލްއަށް ބަދަލުވި ފްރާންސް ޑިފެންޑަރު މެތިއު ޑެބިއުޗީ އާއި ޕީއެސްޖީއާއި ގުޅުނު ޔޯހަން ކަބާޔޭ ހިމެނެއެވެ.