27 Sep 2014, 17:34
އާ ސީޒަންގައި ކުޅުނު ފުރަތަމަ ފަސް މެޗުގެ ތެރެއިން ތިން މެޗުން ބަލިވުމުން ލިވަޕޫލް ޓީމް މިހާރުވަނީ ވަރަށް ނިކަމެތިވެފައިކަމަށް އެ ކްލަބުގެ ކޯޗު ބްރެންޑަން ރޮޖާސް ބުނެފި އެވެ.
ރޮޖާސް ބުނީ، ޓްރާންސްފާގައި އާ ކުޅުންތެރިން ޓީމާއި ގުޅުނަސް ޓީމުގައި ތިބި މުހިއްމު ކުޅުންތެރިންތަކެއް ޓީމު ދޫކޮށްފައި ދިއުމުން އޭގެ ނޭދެވޭ އަސަރު ޓީމަށް ވަރަށް ބޮޑަށް ކުރާ ކަމަށެވެ. ޚާއްސަކޮށް މިދިޔަ ސީޒަންގައި ލިވަޕޫލަށް ލީގުގައި ރަނގަޅު ހިސާބަކަށް ގެންގޮސްދިނުމުގައި މުހިއްމު ރޯލެއް އަދާކުރި ފޯވަޑް ލުއިސް ސުއަރޭޒް ނެތްތަން ވަރަށް ބޮޑަށް ދައްކާ ކަމަށް ރޮޖާސް ބުނެޏެވެ.
" ޓްރާންސްފާގައި އަހަރުމެން ވަނީ، އާ ގިނަ ކުޅުންތެރިންތަކެއް ޓީމާއި ގުޅުވާފައި. އެކަމަކު އަހަރެން ޤަބޫލް ކުރާ ގޮތުގައި ކުރިން އެ ކުޅުންތެރިންތަކެއްގެ މައްޗަށް ޓީމު ބަރޯސާވެފައި ތިބި މުހިއްމު ކުޅުންތެރިންތަކެއް މިފަހަރު ޓީމު ދޫކޮށްފައި ދިއުމުން އޭގެ އަސަރު މިހާރު މިކުރަނީ. ޓޮޓެންހަމް މެޗުގައި ރަނގަޅު ކުޅުމެއް ދެއްކުނު ނަމަވެސް އޭގެ ފަހުން ޓީމު ވަނީ ވަރަށް ނިކަމެތިވެފައި،"ރޮޖާސް ބުންޏެވެ.
ރޮޖާސް ބުނީ ކުރިއަށް އޮތް މެޗުތަކުގައި ލިވަޕޫލް ޓީމަށް މިފެންވަރުން އަރައިގަނެވޭނެ ކަމަށާއި އޭނަގެ ކުޅުންތެރިންނަކީ އެ ފެންވަރު ހުރި ބައެއް ކަމަށެވެ.
"އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި އަހަރުމެން ވަރަށް މަސަތްތަކަތް ކުރަން. އޭގެ ނަތީޖާ ވަރަށްވެސް ފޮނިވާނެ. އަހަރެން ޤަބޫލް ކުރަން ކުރިއަށް ހުރި މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ޓީމު ވަރަގަދަ ވެގެން ދާނެ ކަމަށް،" ރޮޖާސް ބުންޏެވެ.
މިއަދު މާސޭސައިޑް ޑާބީގައި އެވަޓަން އާ ދެކޮޅަށް ލިވަޕޫލް ނުކުންނަ އިރު ބްރެންޑަން ރޮޖާސް ގެ އަމާޒަކީ މި މެޗު ކާމިޔާބުކޮށް ލިވަޕޫލްގެ އަސްލު ފެންވަރަށް ރުޖޫޢަވުމަށެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިހާރު ލިވަޕޫލް އޮތީ ތާވަލުގެ 11 ވަނައިގައެވެ. އެންމެ ކުރީގައި އަދިވެސް އޮތީ ޗެލްސީ އެވެ.