27 Sep 2014, 17:30
ގަވާއިދާ ޚިލާފަށް ކުޅުންތެރިން ގަތުން ނުވަތަ ތާޑް ޕާޓީ އޯނަޝިޕް މުޅިން މަނާ ކުރުމަށް ފީފާއިން ނިންމައިފި އެވެ.
ސްވިޓްޒަލޭންޑްގެ ޒިއުރިކްގައި ބޭއްވި ފީފާގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި ނެގި ވޯޓަކުން ފާސްވެފައިވަނީ ތާޑް ޕާޑީ އޯނަޝިޕް މުޅިން މަނާކޮށް ފީފާގެ ގަވާއިދާ ޚިލާފަށް ގަނެވިއްކުމުގެ މުއާމަލާތް ހިންގާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށެވެ.
ތާޑް ޕާޓީ އޯނަޝިޕް އަކީ ކްލަބްތަކުން ކުޅުންތެރިން ގަންނަން ނުކުޅެދޭ ހާލުގައި ބޭރުގެ އިންވެސްޓަރުގެ އެހީ ހޯދައިގެން މުއާމަލާތް ހިންގުމެވެ. އަދި ކްލަބްތަކުގެ ޓްރާންސްފާ ކަންތައްތަކުގެ ތެރެއަށް އެހެން އިންވެސްޓަރުންގެ ނުފޯޒް އައުމެވެ.
ފީފާގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފީފާގެ ރައީސް ސެޕް ބްލެޓާ ވިދާޅުވީ، ކޮންމެ ފަހަރަކުވެސް ޓީމުތަކުން ކުޅުންތެރިން ގަނެވިއްކުމުގެ ކަންތައްތައް ކުރާއިރު ބޭރު އިންވެސްޓަރުންނަށް ބޮޑު ފައިދާއެއް ނެގޭގޮތަށް ޓްރާންސްފާތައް ހިންގާ ކަމަށާއި މިކަމުގެ ސަބަބުން ގިނަ މައްސަލަތަކާ ކުރިމަތިވާ ކަމަށެވެ.
މިކަމަކީ މިހާރުވެސް ސްޕެއިނާއި ޕޯޗުގަލްގެ އިތުރުން ލެޓިން އެމެރިކާގައި ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުންދާ ކަމެކެވެ.
އިނގިރޭސި ވިލާތުގައި މިކަން މަނާކޮށްފައިވާ ވާއިރުވެސް ނިމިގެންދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ޕްރިމިއާ ލީގުގެ ކްލަބް ތަކުން ތާޑް ޕާޓީ އޯނާޝިޕްގެ އުސޫލުން ކުޅުންތެރިން ގަނެ ވިއްކާފައި ވެއެވެ. މިގޮތުން ސްޕެއިންގެ ސްޕޯޓިންގް ލިޒްބަން އިން މެންޗެސްޓާ ޔުނައިޓެޑަށް 16 މިލިއަން ޕައުންޑްގެ އަގެއްގެ ދަށުން ބަދަލުވި އާޖެންޓީނާގެ ތަރި މާކޮސް ރޯޖޯ އާއި ސިޓީއާ ގުޅުނު އެލިސް މަންގާލާގެ ޓްރާންސްފާ ހިމެނެއެވެ.