މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ސާމިރު ނާސްރީ އެއް މަސްދުވަހަށް ކުޅުމާ ދުރަށްދާން ޖެހިއްޖެ އެވެ.

ފްރެންޗް މިޑްފީލްޑަރު މަހެއްހާ ދުވަހަށް ކުޅުމާ ދުރަށްދާން ޖެހުނީ އޭނާގެ އުކުޅު ވަޅަށް ލިބުނު އަނިޔާ އަކާ ގުޅިގެން ސާޖަރީ އެއް ހަދަން ޖެހުމުންނެވެ.

ސިޓީގެ މެނޭޖަރު މެނުއެލް ޕެލެގްރިނީ ބުނީ ނަސްރީއަށް އަނިޔާވުމުން ހިތާމަ ކުރާ ކަމަށާއި އެއީ ސީރިއަސް އަނިޔާއެއް ކަމަށެވެ. އަދި އޭނާ ޓީމުގެ ފަރިތަކުރުން ތަކުގައި ބައިވެރިވި ކަމަށާއި ނަމަވެސް އަނިޔާގެ ސަބަބުން އުނދަގޫތަކެއް ވާން ފެށުމުން ސާޖަރީ ހަދަން ނިންމީ ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށެވެ.

" ނަސްރީ ޓީމުގެ ފަރިތަކުރުން ތަކުގައި ބައިވެރިވި. އެކަމަކު އަނިޔާގެ ސަބަބުން އޭނާއަށް އުނދަގޫތަކެއް ވާންފެށި. އަހަރެން މިއީ ޑޮކްޓަރެއް ނޫން. އެކަމަކު އަހަރެންނަށް ޔަގީން އެއް މަސް ވަރު ނަގާނެކަން ނަސްރީ އަށް އަނބުރާ ކުޅުމުގެ ތެރެއަށް އަންނަން. މި ދިހަ ދުވަސް ތެރޭގައި ސާޖަރީ ހަދަން އެބަޖެހޭ. އެހެންވީމަ މިއީ ސީރިއަސް އަނިޔާއެއް" ޕެލެގްރިނީ ބުންޏެވެ.

ޕެލްގްރިނީ ބުނީ ނަސްރީ އަކީ ޓީމަށް ވަރަށް މުހިއްމު ކުޅުންތެރިއެއް ކަމަށާއި ނާސްރީއާ ނުލައި ކުޅެން އެހާ ފަސޭހައެއް ނުވާނެ ކަމަށެވެ. ނަސްރީގެ ބަދަލުގައި މެނޭޖަރު ޕެލެގްރިނީ ޓީމުން ޖާގަ ދޭނެކަމަށް ބެލެވެނީ ސްޕެއިންގެ ޑޭވިޑް ސިލްވާ އަށެވެ.

އާ ސީޒަންގައި ސިޓީގެ ފެށުން އެހާ ރަނގަޅެއް ނޫނެވެ. އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅު ވެވުނީ އެއްމެ މެޗަކުންނެވެ. އެހެންނަމަވެސް ޕެލެގްރިނީ ބުނީ ސީޒަންގައި އަދި އޭނާގެ ކުޅުންތެރިންގެ ފަރާތުން އުއްމީދުކުރާ ފެންވަރުގެ ކުޅުމެއް ނުދެއްކުނަސް އެއީ މައްސަލައެއް ނޫން ކަމަށާއި ކުރިއަށް ހުރި މެޗުތައް ރަނގަޅު ކުރާނެ ކަމަށެވެ.

ޕްރިމިއާ ލިގުގައި ސިޓީ އޮތީ އަށް ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައެވެ.