އާސަލާމަތީ ގަވާއިދާއި ގުޅިގެން މޯބައިލްފޯން ފަދަ އަތްމަތީ އިލެކްޓްރޯނިކް ވަސީލަތްތައް ފްލައިޓްތެރޭ ބޭނުންކުރުން ހުއްދަކޮށްފި އެވެ.

ޔޫރަޕިއަން އޭވިއޭޝަން ސޭފްޓީ އެޖެންސީ (އީއޭއެސްއޭ) އިން ހުކުރު ދުވަހު ނެރެފައިވާ ޤަވާއިދުގައިވާ ގޮތުން ޔޫރަޕްގެ އެއާލައިންތަކުގައި ޕަސެންޖަރުންނަށް "އެއާޕްލޭން މޯޑް" އަށް ނުލައި ފްލައިޓް ތެރޭގައި އިލެކްޓްރޯނިކްސްގެ ބާވަތްތައް ބޭނުންކުރެވިދާނެ އެވެ.

"އަހަރެމެން މިހަމަޖެއްސީ ގޭޓުން ފެށިގެން ފްލައިޓްގައި ވެސް ފޯނު ބޭނުންކުރެވިދާނެ ގޮތް. އެއީ ހަމަ ރޭލެއްގައި ވެސް ބޭނުންކުރާނެފަދައިން،" އީއޭއެސްއޭ ގެ ސްޕޯކް ޕާސަން އިލިއަސް މަރަގަކިސް އެސޯޝިއޭޓް ޕްރެސް އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

މިކަމަށް ދިމާވެފައިވާ ހުރަހަކީ މަތިންދާ ބޯޓު އުދުހޭ ހިސާބަށް ފޯނުގެ ސިގްނަލް ފޯރުކުރުމުގެ މައްސަލަ އާއި، ޖެހިގެން އިންނަ މީހާ ފޯނުގައި އިނުމުގެ ސަބަބުން އެހެން ފަސެންޖަރުންނަށް ދަތުރުތަކުގައި ކުރިމަތިވެދާނެ އުނދަގުލެވެ.

އާ ޤަވައިދު ތަންފީޒު ކުރާނެ ގޮތެއް ކަނޑައެޅުން އޮތީ އެއާލައިން ތަކުގެ އަތްމަތީގަ އެވެ. ޔޫރަޕުގެ ގިނަ ރޭލުތަކުގައި ގެންގުޅޭ އުސޫލަކީ ފޯނުކޯލު ނުކުރެވޭ ކޮންޕާޓްމަންޓްތައް ކަނޑައެޅުމެވެ. އެހެންނަމަވެސް މިއީ ބޮޑެތި ޖެޓްތަކުގައި ނޫނިީ ކުރަން އުނދަގޫވާނެ ކަމެކެވެ.

މިޤަވާއިދުގެ ދަށުން މޯބައިލްފޯނުގެ އިތުރުން ބުކްރީޑާސް، ޓެބްލެޓް ކޮންޕިއުޓަރު އަަދި އެމްޕީތްރީ ޕްލޭޔާސް ފަދަ އެހެނިހެން އަތްމަތީ އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކުރެވިދާނެއެވެ.

އީއޭއެސްއޭ ބުނާގޮތުން މިޤަވާއިދު ޔޫރަޕްގެ ހުރިހާ ފްލައިޓްތަކެއް ދަތުރުކުރާ ހުރިހާ ކެރިއަރެއްގައި ވެސް މިހާރުން ފެށިގެން ތަންފީޒުކުރުން ލާޒިމެވެ.
އީއެސްއޭގެ މި ގަވައިދާ ގުޅިގެން، އެއާލައިންތަކަށް މިހާރުވަނީ ހުއްދަކުރާނެ ވަސީލަތް ތަކާއި ހުއްދަކުރާނެ އުސޫލުތަކެއް ކަނޑައަޅަންޖެހިފައެވެ. މިކަން ތަންފީޒުކުރުމަށް ބަލާއިރު، އިލެކްޓްރޯނިކް ޑިވައިސްތަކުގެ ޓްރާންސްމިޝަންގެ ސިގްނަލްތަކުން ބޯޓުގެ އުދުހުމަށް އެއްވެސް ބުރުލެއް ނާރާނެކަން ކަށަވަރު ކުރުމަށް އެއާލައިން ތަކަށް އެތަކެއް މަސްތަކެއް ހޭދަވާނެ އެވެ.

އީއޭއެސްއޭ އިން ވަނީ މަތިންދާބޯޓުގެ މޮޑެލްތަކަށް ބިނާކޮށް ބޭނުންކުރެވޭނެ ވަސީލަތްތައް ވަކިކުރެވޭނެ ކަމަށް ލަފާދީފައެވެ. އެހެނީ ކުރީގެ މޮޑެލް ތަކުގެ ފްލައިޓް ތަކުގައި އިލެކްޓްރޯނިކް ޑިވައިސްތައް ބޭނުންކުރެވޭނެ ގޮތް ހެދުމަށް ގިނަބަދަލުތަކެއް ގެންނަންޖެހޭނެ އެވެ.

"އަހަރެމެން މިބުނަނީ ފޯނު ހުޅުވާފަ ބޭއްވިދާނެ ކަމަށް. ބޭނުން ކުރުން ހުއްދަކުރުމަކީ އެއާލައިންތަކުގެ ކަމެއް،" މަރަގަކިސް ބުނެފައިވެ އެވެ.

ސެޓެލައިޓް މެދުވެރިކޮށް މިހާރުވެސް ވަރަށްމަތީގައި ފޯނާއި އިންޓަނެޓް ބޭނުންކުރެވެ އެވެ. މިނިޒާމު ހުއްދަކުރުމާއި އެއަށް ޗާޖުކުރާނެ މިނެއް ކަނޑައެޅުން އޮތީ އެއާލައިންތަކުގެ އަތްމަތީގައެވެ.

އީއޭއެސްއޭ އިން މިދިޔަ އަހަރު ނެރެފައިވާ ގަވައިދުގައިވާ ގޮތުން މުޅި ފްލައިޓްގައި ވެސް އިލެކްޓްރޯނިކް ވަސީލަތްތައް "އެއާޕްލޭން މޯޑް"ގައި އެއްވެސް ސިގްނަލްއަކާ ނުލައި ބޭނުންކުރުން ހުއްދަކޮށްފައި ވެއެވެ.

ހަމައެހެންމެ އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ވަނީ މިދިޔަ އަހަރު މޯބައިލް ފޯނުން ކޯލްކުރުން ފިޔަަވައި އަމިއްލަ އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކުރުން ހުއްދަކޮށްފަ އެވެ. އެއީ ކޯލްކުރުން ހިމެނިގެންވަނީ ފެޑެރަލް ކޮމިއުނިކޭޝަންސްގެ ދަށުން ކަމުގައި ވާތީ އެވެ.

އަދި އެއަށްވުރެ ކުރިން އެފްއޭއޭ އިން ވަނީ އިލެކްޓްރޯނިކް ވަސީލަތްތައް 10000 ފޫޓަށްވުރެ ތިރީގައި ބޭނުންކުރުން މަނާކޮށްފަ އެވެ. އެއީ މިމިންގަނޑަކީ މަތިންދާބޯޓު ޖެއްސުމަށް ހުރަސްއަޅާ، އެކްސިޑެންޓް ވުމުގެ ފުރުސަތު ބޮޑުހިސާބަކަށް ވާތީއެވެ.