27 Sep 2014, 15:44
ޔުނައިޓެޑް ނޭޝަންސް (ޔޫއެން)ގެ ޖެނެރަލް އެސެމްބްލީގައި ތަގުރީރު ކުރެއްވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އެމެރިކާ އަށް ވަޑައިގެންނެވުމާ އެކު އޭނާ ހާރިޒުވާން އެމެރިކާގެ ކޯޓަކުން އަންގައިފި އެވެ.
އިންޑިއާގެ ދަ ހިންދޫ ނޫހުން ބުނީ މޯދީ ހާޒިރުވުމަށް އެމެރިކާގެ ފެޑެރަލް ކޯޓަކުން އެންގީ އިންޑިއާގެ ގުޖުރާތުގެ ޗީފް މިނިސްޓަރަކަށް މޯދީ ހުންނަވަނިކޮށް 2002 ވަނަ އަހަރު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއަކުން އޭނާއާ ދެކޮޅަށް ކޮށްފައިވާ ދައުވާ އަކާ ގުޅިގެން ކަމަށެވެ.
މޯދީއާ ދެކޮޅަށް ދައުވާ އުފުލީ އެމެރިކަން ޖަސްޓިސް ސެންޓަރް ނަމަކަށްކިޔާ ޖަމާއަތަކުންނެވެ.
މޯދީ ގުޖުރާތުގެ ޗީފް މިނިސްޓަރަކަށް ހުންނަވަނިކޮށް، މުސްލިމުންނާ ހިންދޫއިންނާ ދެމެދު ހިނގި ހަމަނުޖެހުންތަކެއްގައި 2000 އަށް ވުރެ ގިނަ މުސްލިމުން މަރުވި އެވެ. އެ ހަމަނުޖެހުންތައް ހުއްޓުވަން މޯދީގެ ސަރަހައްދީ ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް ގުޖުރާތުގެ މުސްލިމުން ތުހުމަތު ކުރެއެވެ.
ގުޖުރާތުގެ ހަމަނުޖެހުންތަކާ ގުޅިގެން އެމެރިކާއިން މޯދީއަށް ވިސާ ނުދީ ފަސް އަހަރުވަންދެން ހިފަހައްްޓާފައިވެ އެވެ.