ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފަތުރުވެރިކަން ތައާރަފްކުރުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގޮވާލައްވައިފިއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ޚިތާބެއްގައި ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފަތުރުވެރިކަން އާންމުކުރުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން ރާއްޖޭގެ އުތުރުގައި އިތުރު ފަސް ރިޒޯޓެއް ތަރައްގީ ކުރުމަށްޓަކައި މިއަހަރުގެ ތެރޭގައި ބަޔަކާ ހަވާލުކުރެވޭނެ ކަމަށެވެ.

ރައީސްގެ ޚިތޯބުގައި އެމަނިކުފާނު ވަނީ ދިވެހި ޒުވާނުން، އާހިތްވަރަކާއެކު ފަތުރުވެރިކަމުގެ ދާއިރާއަށް ނުކުތުމަށް ގޮވާލައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ ވިޔަފާރިކުރުމަށް ވިޔަސް ނުވަތަ ވަޒީފާއަށް ކަމަށްވިޔަސް ފަތުރުވެރި ކަމުގެ ދާއިރާއަކީ ޒުވާނުންނަށް ފުރުސަތު އޮތް ދާއިރާއެއްކަން ކަށަވަރުކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.

"ފަތުރުވެރިކަމަކީ ޒުވާނުންގެ ސިނާއަތެކެވެ. ރާއްޖޭގެ އިޤްތިސާދީ ދާއިރާގައި އަދި ޚާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުންނަށް ކުރިއަށް ދެވޭނެ މަގުތައް ތަނަވަސްކޮށްދީ، ވަޒީފާގެ ފުރުސަތުތައް އިތުރަށް ހުޅުވާލަދިނުމަކީ ސަރުކާރުގެ އަމާޒެވެ،" ރައީސް ވިދާޅުވިއެވެ.

ފަތުރުވެރިކަމަކީ އެތަކެއް ވަޒީފާގެ ފުރުސަތު އުފައްދާ ސިނާއަތެއް ކަމުގައި ވިޔަސް އެ ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހޯދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން ހުޅުވައިލެވޭ ވަޒީފާގެ ފުރުސަތުތަކުގެ ބޭނުން، އެންމެ ފުރިހަމަ ގޮތުގައި ހިފުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިންނަށް ވަޒީފާގެ ފުރުސަތު އިތުރުކުރުމަށް، ކަމާބެހޭ އެންމެހައި ފަރާތްތަކަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ރާއްޖޭގެ ރަށްތަކާއި ފަރުތަކާއި ފަޅުތަކުގެ ދިރުން ގުޅިލާމެހިފައިވަނީ ދިވެހި މުޖުތަމައުއާއި މި ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމުގެ މައްޗަށް ކަމަށާއި އެހެންކަމުން ކޮންމެ ފަރުދަކުވެސް މި ދިރުންތައް ދެމެހެއްޓުމަށާއި ރާއްޖޭގެ ގުދުރަތީ ރީތިކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ފަތުރުވެރިކަން ފުޅާކޮށް، ޑައިވަރސިފައި ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ސަރުކާރުން ކުރަމުން އަންނަ ކަމަށާއި އެގޮތުން އެ ދާއިރާއަށް އަލަށް ހަދަންޖެހޭ ގާނޫނުތަކާއި ގަވާއިދުތައް އެކުލަވައިލައި އަދި މިހާރު އަމަލުކުރެވެމުންދާ އޮނިގަނޑުތަކަށްވެސް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

ފަތުރުވެރިކަމުން ސީދާގޮތެއްގައި ފައިދާ ލިބިދޭ ފަރާތްތައް އިތުރުކުރުމުގެ ގޮތުން އަމިއްލަ ފަރުދުންނަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުސަތުތައް ހުޅުވާލެވިފައިވާ ކަމަށާއި އެގޮތުން ތުނބުރި ގެސްޓްހައުސް އައިލެންޑް ޕްރޮޖެކްޓް ތައާރުފްކޮށް، ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާކަން އުފަލާއެކީ ފާހަގަ ކުރާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ތުނބުރި ގެސްޓްހައުސް އައިލެންޑް ޕްރޮޖެކްޓް ތަޢާރުފްކޮށް، ތަރައްޤީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާކަން، މި ފުރްޞަތުގައި އުފަލާއެކު ފާހަގަކުރަމެވެ. އަދި މިގޮތުގެ މަތިން ތަފާތު ޕްރޮޖެކްޓްތަކެއް މުސްތަޤްބަލުގައި އިތުރަށް ތަޢާރުފް ކުރުމުގެ މަސައްކަތްތައް މިދަނީ ކުރަމުންނެވެ،" ރައީސް ވިދާޅުވިއެވެ.