ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް މިސަރުކާރުން ދަނީ ގިނަ ކަންތައްތަކެއް ކުރަމުން ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ މުނާސަބަތުގައި މިއަދު ދެއްވި ހިތޯބުގައި މިނިސްޓަރު އަދީބް ވިދާޅުވީ ޓޫރިޒަމް ކުރިއެރުވުމަށް ގިނަ ކަންތައްތަކެއް ކުރަމުންދާ ކަމަށާއި އޭގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރި ވެރިންނަށް ޓޫރިޒަމް ދާއިރާ އިން ނަފާ ހޯދުމަށް ކުރިއަށްގެންދާ އިންޓަގްރޭޓް ރިސޯޓް ޕްރޮޖެކްޓްގެ ތުނބުރި ޕްރޮޖެކްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ޓޫރިޒަމްގެ ސިނާއަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަ ކުރުމަށް ހިންގާ "ޓޫރިޒަމް އެޑޮޕްޓޭޝަން ޕްރޮޖެކްޓް" ފާހަގަކޮށްލެވޭ ކަމަށެވެ.

"މިހާރު އެކުލަވާލެވިފައިވާ ފަތުރުވެރިކަމުގެ ސިއާސަތުތަކަކީ މިހާރު މިސިނާއަތުން ލިބެމުންދާ ލާބަޔާއި މަންފާ އިތުރަށް ފުޅާކުރުމަށް ދިވެހި ރާއްޖޭގެ އިއްޒަތްތެރި ރައީސްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ކަނޑައަޅުއްވާފައިވާ އިގްތިސާދީ ލަނޑުދަނޑިތަކާ އެއްގޮތަށް އެކުލަވާލެވިފައިވާ ސިޔާސަތުތަކެއް،" މިނިސްޓަރު އަދީބް ވިދާޅުވި އެވެ.

މިނިސްޓަރު އަދީބް ވިދާޅުވީ ޓޫރިޒަމް ދުވަހުގެ މި އަހަރުގެ ޝިއާރަކީ "ފަތުރުވެރިކަމާއި މުޖުތަމައުގެ ތަރައްގީ" ކަމަށްވާ އިރު އެ ޝިއާރު ރަމްޒުކޮށް ދެނީ ފަތުރުވެރިކަމުން މުޖުތަމައުގެ ކުރިއެރުމަށް ލިބިގެންދާ ފުރުސަތުތަކާއި ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމަށް މުޖުތަމައުގެ ބައިވެރިވުން ކަމަށެވެ. މިއަހަރުގެ ޝިއާރު އެންމެ ފުރިހަމަކޮށް ރަމްޒުކޮށްދޭޭ ގައުމުތަކުގެ ތެރޭގައި ދިވެހި ރާއްޖެ ހިމެނޭކަމަށް ވެސް މިނިސްޓަރު އަދީބް ވިދާޅުވި އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މައިގަނޑު އެއް ސިފައަކީ އެންމެހާ ފަރުދުންގެ ހިޔާލާއި ތަސައްވަރު ފަތުރުވެރިކަން ކުރިއެރުވުމުގައި ބޭނުންކުރުމާއި ދިވެހިންގެ އާދަކާދަތައް ދައްކާލުމުގެ ފުރުސަތު ލިބިގެންދިއުން ކަމަށާއި ފަތުރުވެރިކަމީ ދިވެހިންގެ އަމިއްލެވަންތަކަމާއި އާދަކަދަތައް ހިފެހެއްޓުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއްކަމަށް މިނިސްޓަރު އަދީބް ވިދާޅުވި އެވެ.

"މިފުރުސަތުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ކަމަކީ ދިވެހި މުޖުތަމައު ކުރިއަރައި ތަރައްގީވުމުގެ މައިގަނޑު ސިނާއަތަކީ ފަތުރުވެރިކަމުގެ ސިނާއަތްކަން" މިނިސްޓަރު އަދީބް ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިނާއަތަކީ ޓޫރިޒަމް ކަަމަށްވާ އިރު ރާއްޖެ އަށް ބޭރު ފައިސާ ލިބޭ 90 ޕަސެންޓަކީ ޓޫރިޒަމުން ލިބޭ ފައިސާ ކަމަށާއި މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެއައި ޓޫރިސްޓުންގެ އަދަދު އަށް ލައްކައަށް ވުރެ މަތިވެފައިވާ އިރު އެއީ 11 ޕަސެންޓްގެ ކުރިއެރުމެއް ކަމަށް މިނިސްޓަރު އަދީބް ވިދާޅުވި އެވެ.