27 Sep 2014, 11:38
އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަންގެ ދަރިކަނބަލުން ޗެލްސީ ކްލިންޓަން އަށް ދަރިކަނބަލަކު ލިބިވަޑައިގެން ކްލިންޓަނަށް ކާފަ ކިޔައިފި އެވެ.
ކްލިންޓަންގެ ދަރިކަނބަލުން ޗެލްސީ ކްލިންޓަންއަށް އަންހެން ބޭފުޅަކު ލިބިވަޑައިގެންނެވި ކަން އެކަމަނާ ހާމަކުރައްވާފައި ވަނީ ސޯޝަލް މީޑިއާ ޓްވިޓާއާއި ފޭސްބުކްގަ އެވެ.
"...ޗާލޮޓް ކްލިންޓަންގެ އުފަންވުން ފާހަގަ ކުރާއިރު އަހަރެންނާއި މާކް މިތިބީ ލޯތްބާއި އުފަލާއި ޝުކުރުން ފުރިފައި،" ޗެލްސީ ސޯޝަލް މީޑިއާގައި ލިއުއްވާފައިވެ އެވެ.
ޗެލްސީގެ އެ ސްޓޭޓްމެންޓް ބިލްކްލިންޓަނާއި އަނބިކަނބަލުން ހިލަރީ ރިޓްވީޓްކުރައްވާފައިވެ އެވެ.
ބިލްކްލިންޓަނާއި އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަންގެ ދަރިކބަނބަލުން ޗެލްސީ އާލާސްވެ އިންނެވިކަން އިއުލާންކުރެއްވީ މިދިޔަ އޭޕްރީލްމަހު އެވެ. ޗެލްސީ ކައިވެނި ބައްލައިވައިގެން އުޅުއްވަނީ އިންވެސްޓްމެންޓް ބޭންކެއް ހިންގާ މީހެއްކަމަށްވާ މާކް މެޒްވިންސްކީ އާ އެވެ.
ކްލިންޓަން އާއިލާއަށް މެމްބަރަކު އިތުރުވެފައިވާ އިރު ހިލަރީ މިހާރު ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވަނީ 2016 ވަނަ އަހަރު އޮންނަ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށެވެ. ( ރޮއިޓާސް)