އިސްލާމިކް ސްޓޭޓް އޮފް އިރާގު އެންޑް ސީރިއާ (އައިސިސް) ފިކުރުގައި މަސައްކަތްކުރާ ގޭންގުތައް ރާއްޖޭގައި އުޅެމުންދާ ކަމަށާއި އެ ޖަމާއަތުގެ ހަރަކާތްތައް ރާއްޖޭގައި ހިނގަމުންދާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިނގިރޭސި ކޮންޒަވޭޓިވް ޕާޓީގެ އަހަރީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް މާލެ އިން ފުރާވަޑައިގަތުމުގެ ކުރިން މިއަދު ހެނދުނު ހަތަރު ނަމްބަރު ފާލަން ކައިރީގައި ނޫސްވެރިންނާ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ރާއްޖޭގައި އައިސިސް ޖަމާއަތުގެ ހަރަކާތައް ހިނގަމުންދާކަން "މާބޮޑަށް ސާފުވަމުން" އަންނަ ކަމަށެވެ. އަދި ވިދާޅުވީ މާލޭގައި އައިސިސް ޖަމާއަތަށް ތާއިދުކޮށް ބޭއްވި ހިނގާލުމުގައި ވެސް ގިނައީ ގޭންގުތަކާއި ގްރޫޕްތަކުގެ މީހުން ކަމަށެވެ.

"ދާދިފަހުން އައިސިސް ޖަމާއަތުގެ ހިނގާލުމެއް އޮތް، އެ ޖަމާއަތުގެ ދިދައާއެކީގައި މިދެންނެވި ހިނގާލުމުގައި 150 ވަރަކަށް މީހުން ބައިވެރިވި އިރު އޭގެ ތެރޭގައި ގިނަކޮށް އަޅުގަނޑުމެނަށް ފެނުނީ ގޭންގުތަކުގައި ހަރަކާތްތެރިވާ ކުދިން. އެހެންވީމާ ގޭންގުތަކުގެ ކުދިން އައިސިސްގެ ފިކުރަށް ލެނބެމުން އެބަދޭ. ރާއްޖޭގައި އައިސިސް ޖަމާއަތުގެ ހަރަކާތްތައް ހިނގާކަން އަޅުގަނޑުމެނަށް މިއަންނަނީ މާބޮޑަށް ސާފުވަމުން،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ އައިސިސްގެ ފިކުރުގައި ތިބެ ގޭންގުތައް މާލެގައި ހަރަކާތްތެރިވަމުންދާ އިރު ސަރުކާރުން އެކަން ހުއްޓުވަން ޖެހޭނެ ކަމަށާއި އެކަން ކުރުމަށް ސަރުކާރު އޮތީ ނުކުޅެދިފައި ކަމަށެވެ.

އައިސިސް ޖަމާއަތުގެ ފިކުރުގައި ތިބެ ހިންގާ ކުށްތައް ސަރުކާރަށް ނުހުއްޓުވެނީ ސަރުކާރުގެ އިސް ބޭފުޅުން ގޭންގުތައް ބޭނުންކޮށްގެން އެކި ބޭނުންތައް ކުރައްވާފައި ވާތީ ކަމަށް ވެސް ނަޝީދު ވަނީ ތުހްމަތު ކުރައްވާފަ އެވެ.

"އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުން އެ ބޭފުޅުންގެ އަމިއްލަ އަތްޕުޅުން ކުރައްވާން އެދިވަޑައިނުގަންނަވާ ކަންކަން ނުވަތަ ކުރައްވާތަން އެހެން ބޭފުޅުންނަށް ފެނިވަޑައިގަތުމަށް ބޭނުންވެވަޑައިނުގަންނަވާ ކަންކަން ކުރުން މި ހަވާލުކުރެވެނީ ގޭންގުތަކާ. ސަރުކާރުން އެފަދަ ކަންކަން ގޭންތަކާ ގުޅިގެން ކުރައްވާފައިވާއިރުގައި ދެން އޭގެ ފަހުގައި ގޭންގުތަކުން އެހެންތަނަކުން އެހީތެރިކަން ލިބިގެން ހިންގާ ކަންކަން ހުއްޓުވުމަށް ސަރުކާރު ވަރަށް ބޮޑަށް ނުކުޅެދޭ،" ނަޝީދު ވިދާޅުވި އެވެ.

އޭގެ އިތުރުން ނަޝީދު ވިދާޅުވީ ރައްޔިތުންގެ ރައްކާތެރިކަން ހޯދަދިނުމަކީ ސަރުކާރުކޮށްދޭން ޖެހޭ ކަމެއް ކަމަށާއި އެމްޑީޕީން ނިކުމެ ރައްކާތެރިކަން ހޯދަދޭން އުޅުމަކީ އެންމެ ރަނގަޅުގޮތް ނޫން ކަމަށެވެ. ހަމަ އެހެންމެ ހައްދުފަނާއަޅާފައިވާ ޖަމާއަތްތަކާއި ރާއްޖޭގެ ސަލާމަތީކަން ބަލަހައްޓާ ސިފައިންނާއި ފުލުހުންގެ ބައެއް މީހުން އައިސިސް ފިކުރާ ގުޅުން އޮންނަ ކަމަށް މިއަދު ވެސް ވިދާޅުވި އެވެ.

ފުލުހުންނާއި ސިފައިންގެ އިސް މަގާމުތަކުގައި ތިބި މީހުންނާއި ޖިހާދީ ޖަމާޢަތްތަކާ މެދު ގުޅުން އޮންނަ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ވާހަކަތައް ފުލުހުން ވަނީ ދޮގުކޮށްފަ އެވެ. ނަމަވެސް ޖިހާދީ ބޭރުގެ ޖަމާއަތްތަކާ ގުޅުން އޮވެދާނެ 24 މީހުން ރާއްޖޭގައި ތިބެދާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.