21 Jan 2011, 23:10
ލަންޑަން : މުސްލިމުންނާމެދު ތަފާތުކުރުމާއި މުސްލިމުންނާމެދު ނުރުހުމުގެލޮލުން ބެލުން އިނގިރޭސިވިލާތުގައި ޢާންމު ވެއްޖެ ކަމަށް އިނގިރޭސި ސަރުކާރުގެ ކެބިނެޓްގައި ހިމެނޭ ހަމައެކަނި މުސްލިމް ވަޒީރާ ސަޢީދާ ވާސީ ވިދާޅުވެއްޖެއެވެ. އިނގިރޭސިވިލާތުގައި މިހާރު ވެރިކަންކުރާ ކޮންޒަވެޓިވް ޕާޓީގެ އިސް މަސްއޫލުވެރިއެއްގެ މަޤާމްވެސް އަދާކުރައްވާ ސަޢީދާ ވިދާޅުވީ މުސްލިމުންނާ ދެކޮޅަށް ޢާންމުންގެ ހިތްތަކުގައި ރުޅިވެރިކަން އުފައްދާ އެއްވަސީލަތަކީ އިނގިރޭސި މީޑިޔާ ކަމުގައެވެ.
މިގޮތުން މުސްލިމުންނާއި ޓެރަރިޒަމާ ގުޅުވުމާއި މުސްލިމަކު ޓެރަރިޒަމްގެ ޢަމަލެއް ހިންގައިފިނަމަ އެކަމުގައި ހުރިހާ މުސްލިމުން ޝާމިލްވާކަން ދޭހަވާގޮތަށް ޕްރޮޕަގެންޑާއާއި ޚަބަރު ފެތުރުމަކީ އިނގިރޭސި މީޑިޔާގެ ސިފައެއް ކަމަށް ސަޢީދާ ވިދާޅުވިއެވެ.
ސަޢީދާގެ ބަޔާނަށް އިޝާރާތް ކުރައްވަމުން ބީ.ބީ.ސީ ގެ ދީނީ ކަންތައްތަކާބެހޭ މުރާސިލު ވިދާޅުވީ އިނގިރޭސި ކެބިނެޓް މިނިސްޓަރެއްގެ މަޤާމުގައި ހުންނަވައިގެން ފާޅުގައި ސަޢީދާ ދެއްކެވި މިވާހަކަތަކަކީ އިނގިރޭސިވިލާތުގެ މުސްލިމުން ސިއްރިޔާތުގައި ދައްކަމުންގެންދާތާ ވަރަށް ދުވަސްވީ ވާހަކަތަކެއް ކަމުގައެވެ.
މުސްލިމުންނާމެދު އިނގިރޭސި މުޖްތަމަޢުގައި ދެކޭ އިހާނާތްތެރިގޮތާއި މުސްލިމުންނާމެދު ކުރެވޭ ބޭއިންސާފާއި ތަފާތުތަކަކަށް މުސްލިމުން ފާޅުގައި ދެކޮޅު ހަދާނަމަ މިކަންތައްތައް ކުޑަވުމަށް މަގުފަހިވެގެންދާނެކަން އިނގިރޭސި މުސްލިމުންގެ ޖަމްޢިއްޔާ ޖަމާއަތްތަކުން ދެކެއެވެ. އެހެން ދީންތަކުގެ މީހުންނާއި އެހެން ނަސްލުތަކުގެ މީހުންނާމެދު އިނގިރޭސިވިލާތުގައި ހިންގޭ ތަފާތުކުރުމުގެ ޢަމަލުތަކަށް ވަރަށް ފާޅުކަންބޮޑު ގޮތެއްގައި އެފަރާތްތަކުން ރައްދު ދޭކަމަށް ރިޕޯޓްތައް ބުނެއެވެ.
މުސްލިމުންނާ ދެކޮޅަށް ޓެރަރިޒަމްގެ ތުހުމަތުތައް ކުރެވޭއިރު ދުނިޔޭގައި މުސްލިމް ނޫންމީހުންނާ އަދި އިސްރާއީލުފަދަ މުސްލިމްނޫން ޤައުމުތަކުން މުސްލިމުންނާ ދެކޮޅަށް ޓެރަރިޒަމްގެ ޢަމަލުތައް ފުޅާދާއިރާއެއްގައި ހިންގަމުން ގެންދެއެވެ. އަދި ސްޓޭޓް ޓެރަރިޒަމްގެ މިފަދަ ޢަމަލުތަކަށް އެމެރިކާއާއި ހުޅަނގުގެ ބޮޑެތި ޤައުމުތަކުން ތާއީދު ކުރާކަން މުސްލިމުން ފާހަގަ ކުރެއެވެ.
އިނގިރޭސިވިލާތުގެ އެކްސިޓަރ ޔުނިވަރސިޓީގައި ހުންނަ ޔޫރަޕްގެ މުސްލިމުންނާބެހޭ ދިރާސާތަކުގެ މަރުކަޒުން ކުރި ދިރާސާއެއްގެ ނަތީޖާ ދައްކާގޮތުން އިނގިރޭސި ފުލުހުންވެސް މުސްލިމުންނާމެދު ތަފާތުކުރުމާއި ނަފްރަތުގެ ޝުޢޫރުތައް ގެންގުޅެއެވެ. އަދި އިނގިރޭސިވިލާތުގައި މުސްލިމުންނަށް ގޯނާ ކުރުމުގެ ކަންތައް އެންމެ ބޮޑީ ކުދި ރަށްތަކުގައާއި އަވަށްތަކުގެ ކުދި ގޯޅިތަކާއި އެކަހެރި ތަންތަނުގައި ކަމަށާ އިނގިރޭސިބައެއް މުސްލިމުން އިނގިރޭސި މުޖްތަމަޢުގައި އެމީހުން ޙިސާރު ކުރެވިފައިވާ ކަމުގެ އިޙްސާސް ކުރަމުން ގެންދާ ކަމަށްވެސް މިދިރާސާ ބުނެއެވެ.