(ނިއުޔޯކް 26 ސެޕްޓެމްބަރު) ވަރަށް ބޮޑަށް އާލާސްކަންފުޅާ އުޅުއްވާ ކަމަށް މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ޒެމްބިއާގައި އަޑު ފެތުރުނު އެގައުމުގެ ރައީސް މައިކަލް ސާޓާގެ ސިއްހީ ހާލުކޮޅާ މެދު އަނެއްކާ ވެސް ސުވާލު އުފެދިއްޖެ އެވެ.

ސާޓާގެ އާލާސްކަންފުޅާ މެދު ޒެމްބިއާގައި ގޮތް ގޮތަށް ވާހަކަ ދައްކަމުން ދަނިކޮށް އޭނާ އެގައުމުގެ ވެރިރަށް ލުސާކާގައި އޮތް ޕާލަމެންޓް ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިގެން ވާހަކަ ފުޅު ދެއްކެވި އެވެ.

"އަހަރެން އަދި މަރެއް ނުވޭ،" ސާޓާގެ އާލާސްކަންފުޅާ މެދު ދެކެވުނު ވާހަކަތަކަށް ހަޖޫ ޖެއްސެވުމުގެ ގޮތުން އެރަސްމިއްޔާތުގައި އޭނާ ވިދާޅުވެފައިވެ އެވެ.

ސާޓާގެ ސިއްހީ ހާލުކޮޅާ މެދު އަނެއްކާ ވެސް ސުވާލު އުފެދުނީ ޔުނައިޓެޑް ނޭޝަންސް (ޔޫއެން)ގެ ޖެނެރަލް އެސެމްބްލީގައި އޭނާ ތަގުރީރު ކުރައްވަން ހަމަޖެހިފައި އޮތް ވަގުތަށް ވަޑައި ނުގެންނެވުމުންނެވެ. އަދި އޭނާ ހުންނެވި ހޮޓަލުގައި އޭނާ އަށް ފަރުވާ ކުރި ކަން ޔޫއެން އާއި އެމެރިކާ ފުލުހުން ކަށަވަރުކޮށްދިނުމުންނެވެ.

ޒެމްބިއާގެ ޕާލަމެންޓްގައި ސާޓާގެ ސިއްހީ ހާލުކޮޅާ މެދު މެމްބަރުން ސުވާލު އުފެއްދެވުމުން ނައިބު ރައީސް ގައި ސްކޮޓް ވިދާޅުވެފައި ވަނީ ރައީސްގެ ހާލުކޮޅު ރަނގަޅު ކަމަށެވެ.

"ރައީސްގެ ހާލުކޮޅު ހަމަ މުޅިން ރަނގަޅު. އަވަހާރަވި ކަމަށް ދެކެވޭ ވާހަކައަކީ ތެދެއްނޫން،" އޭނާ ވިދާޅުވެފައިވެ އެވެ.
(އޭޕީ)