27 Sep 2014, 10:27
ހއ. އަތޮޅުގެ ތިން ރަށެއްގެ ޕޮލިސްޓޭޝަނުން ޕޮލިސް ރިޕޯޓް ދޫކުރަން ފަށައިފިއެވެ.
ޕޮލިސް ރިޕޯޓު ދޫކުރަން ފަށާފައި ވަނީ ހއ. ދިއްދޫ އާއި ހޯރަފުށްޓާއި އިހަވަންދޫ ޕޮލިސް ސްޓޭޝަނުންނެވެ.
ފުލުހުން ބުނީ އެ ތިން ރަށުގެ ޕޮލިސްޓޭޝަނުން ޕޮލިސް ރިޕޯޓު ދޫކުރަން ފަށާފައި ވަނީ ޒުވާނުން ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދީ ވަޒީފާގެ ކަންކަމަށް އަހުލުވެރިކޮށް ވަޒީފާއަށް ކުރިމަތިލުމަށް ބޭނުންވާ ކަންކަމަށް ފަސޭހަ މާހައުލެއް ގާއިމް ކޮށްދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.
ދިއްދޫ އާއި ހޯރަފުށްޓާއި އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ޕޮލިސް ރިޕޯޓް ދޫކުރަން ފަށާފައިވާއިރު މި ޚިދުމަތަކީ ފުލުހުންގެ ޚިދުމަތް ރައްޔިތުންނާ ވީހާވެސް ގާތުން ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލިބިދެވޭ ޚިދުމަތެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެގޮތުން ދިއްދޫއާއި ހޯރަފުށީ ޕޮލިސް ސްޓޭޝަނުން މިދިޔަ ހަފްތާއިން ފެށިގެން ޕޮލިސް ރިޕޯޓު ދޫކުރަން ފަށާފައިވާއިރު އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ޕޮލިސް ރިޕޯޓް ދޫކުރަން ފަށާފައިވަނީ ރެއިން ފެށިގެންނެވެ. މިގޮތަށް އެރަށްރަށުން ޚިދުމަތް ލިބެން ފެށުމުން އެރަށްރަށާ ކައިރީގައި ހުރި ރަށްރަށުގެ ރައްޔިތުންނަށްވެސް އެރަށްރަށުން ޕޮލިސް ރިޕޯޓް ލިބޭނެ އިންތިޒާމް ހަަމަޖެހިގެންދާނއެވެ. އެފަދަ ރަށްރަށުން ޕޮލިސް ރިޕޯޓް ހޯދަން މާލެ އަންނާކަށް ނުޖެހޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.