27 Sep 2014, 10:12
މަގުތައް ހެދުމާއި ގާ އެޅުމުގެ މަސައްކަތްކުރާ ސަރުކާރުގެ ކުންފުނި، މޯލްޑިވްސް ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) ދުވާލެއްގެ މައްޗަށް އުފައްދާ ގަލުގެ އަދަދު 7،000 ގަލުން 22،000 ގަލަށް އިތުރުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެމްއާރްޑީސީ އިން ރޭ ބޭއްވި އެ ކުންފުނީގެ ހަތަރު ވަނަ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމު ވިދާޅުވީ ގާ ވިއްކައިގެން މިހާރު މަހެއްގެ މައްޗަށް ހަތަރު މިލިއަން ރުފިޔާ ލިބޭ ކަމަށާއި ކުރިން، 2012 ވަނަ އަހަރު މަހެއްގެ މައްޗަށް ލިބުނީ 300،000 ރުފިޔާ ކަމަށެވެ.
"އޭރު ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 7000 ގާ ޕްރޮޑިއުސް ކުރެވެނީ. [އެކަމަކު] އެންމެ ފަހުން މިދިޔަ ބުދަ ދުވަހާ ހަމައަށް އެ އަދަދު 22000 ގަލަށް އިތުރު ކުރެވިގެން ހިނގައްޖެ. މިދިޔަ މަހު ގަލުން ލިބުނު އާމްދަނީ އަށް ބަލާލާ އިރު 2012 ވަނަ އަހަރުގެ މެއި މަހު މިތަނާ ހަވާލުވި އިރު ލިބެމުން ދިޔަ ތިން ލައްކަ ރުފިޔާ ހަތަރު މިލިއަން ރުފިޔާ އަށް މަތި ކުރެވިގެންދިޔަ،" އޭނާ ވިދާޅުވި އެވެ.
ނަޒީމު ވިދާޅުވީ އޭނާ 2012 ވަނަ އަހަރު އެ ކުންފުނި ހިންގަން ހަވާލުވެވަޑައިގެންނެވި އިރު އޮތީ ކުންފުންޏާ ދޭތެރޭ ވަރަށް ބޮޑަށް އިހްމާލުވެފައި ކަމަށާއި އަދި ކުންފުނި ތަރައްގީ ކުރަން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ. އަދި އޭރު ބައެއް މުވައްޒަފުންނަށް ތިން މަސް ވަންދެން މުސާރަ ނުދީ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 2012 ވަނަ އަހަރު އެ ކުންފުނީގައި ތިބީ 200 މުވައްޒަފުން ކަމަށާއި ކޮންމެ ދިވެހި މުވައްޒަފަކަށް ތިން ބިދޭސީން އޭރު ތިބި ކަމަށެވެ. ނަމަވެސް މިހާރު އެ ކުންފުނީގައި 500 އަށް ވުރެ ގިނަ މުވައްޒަފުން ތިބި އިރު މިހާރު ކޮންމެ ބިދޭސީ މުވައްޒަފަކަށް ތިން ދިވެހިން ތިބި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.