27 Sep 2014, 10:03
ވޮޝިންޓަން (ސެޕްޓެމްބަރ 27) : އެމެރިކާގެ މެޓްރޯ ނެޓްވާކުގެ ރޭލްތަކަށް އަމާޒުކޮށްގެން ހަމަލާތަކެއް ދިނުމަށް އައިއެސް ޖަމާއަތުން މަސައްކަތްކުރާ ކަމަށް ވިދާޅުވެ އިރާގުގެ ބޮޑުވަޒީރު ހައިދަރުލްއައްބާދީ ދެއްކެވި ވާހަކަތަކުގެ އެއްވެސް ހެއްކެތް ދަލީލެއް އަދި ފެންނަން ނެތްކަމަށް އެމެރިކާ ބުނެފި އެވެ.
ނަން ހާމަކުރަން ނޭދޭ އެމެރިކާގެ އިސް ދެމަސްއޫލުވެރިއަކު ވިދާޅުވީ އެމެރިކާގެ މެޓްރޯ ނެޓްވާކުގެ ރޭލްތަކަށް އަމާޒުކޮށްގެން ހަމަލާތަކެއް ދިނުމަށް އައިއެސް ޖަމާއަތުން ރާވަމުންގެންދާ ކަމުގެ ޖާސޫސީ މައްލޫމާތު ލިބިފައިވާކަން އިރާގުން އެމެރިކާ އަށް އަންގާފައިވާ ކަމަށާއި ނަމަވެސް މިފަދަ ބިރެއް ކުރިމަތިވެދާނެ ކަމުގެ ހިލަމެއް އަދި ފެންނަން ނެތްކަމުގަ އެވެ. އެމެރިކާގެ ކޮންގްރެސްގެ ސެކްރެޓޭރިއަޓް އިން ބުނީ އައިއެސްގެ ބަދަލުހިފުމުގެ ޙަމަލާއެއް އެމެރިކާ އަށް އަމާޒުވެދާނެ ކަމުގެ އެއްވެސް އިޝާރާތެއް އެމެރިކާ ސަރުކާރުން ކޮންގްރެސް އަށް ދީފައިނުވާކަމުގަ އެވެ.
އެމެރިކާ އަށް ޓެރަރިޒަމްގެ ނުރައްކަލެއް ކުރިމަތި ވެއްޖެ ނަމަ އެކަމުގެ ޖާސޫސީ މައްލޫމާތާއި އެކަމަކާ ބެހޭ ގޮތުން އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކުގެ މައުލޫމާތު އެމެރިކާ ސަރުކާރުން ކޮންގްރެސް އަށް ދެމުންގެންދޭ ކަމަށްވެ އެވެ. އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އައިއެސް ޖަމާއަތާ އަދި އަލްގާއިދާއާ ގުޅިފައިވާ އެހެން ޖަމާއަތެއް ކަމަށްވާ ޖަބްހަތުއްނުސްރާ ޖަމާއަތުގެ ސޫރިޔާގައިވާ މަރުކަޒުތަކަށް އެމެރިކާ އިސްވެ އޮވެގެން ހަމަލާތައް ދެމުންގެންދާ ވަނީ ހަތަރު ދުވަސްވެފަ އެވެ. އައިއެސް އަށް ތާއީދުކުރާ އެތައް ބަޔަކު އެމެރިކާގައި ތިބި ކަމަށް ރިޕޯޓްތައް ބުނާ އިރު އެމެރިކާގެ ޖާސޫސީ ކަންތައްތަކާ ބެހޭ އިދާރާ އިން އެފަރާތްތަކަށް ފާރަލަމުންގެންދާ ކަމަށް ޚަބަރުތައްބުނެ އެވެ.
އައިއެސް ޖަމައަތާ ދެކޮޅަށް ކަމަށްބުނެ އެމެރިކާ ސޫރިޔާ އަށާއި އިރާގަށް ދެމުން ގެންދާ ޙަމަލާތަކުގައި ކުށެއް ނެތް އާންމުން މަރަމުން ގެންދާތީ އެމެރިކާ ވެސް ހިންގަމުން ގެންދަނީ އައިއެސް އިން އިރާގުގެ އާންމުންނާ ދެކޮޅަށް ހިންގާފަދަ ޓެރަރިޒަމްގެ އަމަލުތަކެއް ކަމަށް ބައިނަލްއަގްވާމީ ގާނޫނާ ބެހޭ މާހިރުން ދެކެވަޑައިގަންނަވަ އެވެ. އައިއެސް އިން ފަރުދީ ފެންވަރުގައި ޓެރަރިޒަމް ހިންގާއިރު އެމެރިކާ ޓެރަރިޒަމް ހިންގަނީ ސިފައިން ބޭނުންކޮށްގެން ދައުލަތުގެ ފެންވަރުގައި ކަމަށް ބައިނަލްއަގްވާމީ ގާނޫނާ ބެހޭ މާހިރުން ސިފަކުރައްވަ އެވެ.