27 Sep 2014, 09:55
އދ. މަޖިލިސް (ސެޕްޓެމްބަރ 27) : އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އެންމެ ފަހުން ކުރި ހަނގުރާމައިގާ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު އަމަލުތައް ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ މައްސަލަ ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސް، ބައިނަލްއަގްވާމީ ސަމާލުކަމަށް ގެނެސްފި އެވެ.
އދ.ގެ ޖެނެރަލް އެސެމްބްލީގައި ވާހަކަ ދައްކަވަމުން ޢައްބާސް ވިދާޅުވީ އިންސާނީ ހައްގުތައް ޙިމާޔަތް ކުރުމުގެ އަޑު ދުނިޔޭގެ ކަންކޮޅުތަކުގައި ގަދަވެފައިވީ ނަމަވެސް މުޅި ދުނިޔޭގެ ކުރިމަތީގައި އިސްރާއީލުން ޣައްޒާގެ ގެދޮރަށާއި ސްކޫލްތަކަށާއި ހޮސްޕިޓަލްތަކަށާއި އެންބިއުލަންސްތަކަށް ޙަމަލާދީ އެތަންތަން ސުންނާފަތިކޮށް ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގޮތަށް ފަލަސްތީނުގެ އާންމުންގެ އެތައް ސަތޭކަ ބަޔަކު ގަސްދުގައި ޝަހީދުކޮށްލާފައިވާ ކަމަށާއި އެކަމުގެ ފަހަތުގައިވާ އިސްރާއީލުގެ ހަރުކަށި ވެރިން މިނިވަންކަމާ އެކު ދުނިޔޭގެ ގައުމުތަކުގައާއި ބައިނަލްއަގްވާމީ މަޙްފަލްތަކުގައި ހަރަކާތްތެރިވަމުން ދާކަމުގަ އެވެ.
ޢައްބާސް މިމޭރުމުން ވާހަކަ ދައްކަވާފައިވާ އިރު މިޖަރީމާތަކުގެ ފަހަތުގައިވާ އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ވެރިން ބައިނަލްއަގްވާމީ ކޯޓަށް ޙާޒިރު ކުރުމަށް ޓަކައި ފަލަސްތީނުގެ ސަރުކާރުން ކުރަން ޖެހޭ ގާނޫނީ އަދި ޑިޕްލޮމެޓިކް ކަންތައްތައް ކުރުމަށް ފަސްޖެހޭކަމާއި އެކަންތައް ނުކުރުމަށް އެމެރިކާ އިން ކުރިމަތިކުރާ ފިއްތުންތަކަށް ދީލާލައްވާ ކަމުގެ ތުހުމަތު ޢައްބާސްގެ މައްޗަށް ކުރެވިފައިވެ އެވެ. ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާ ހިންގާފައިވާ އިސްރާއީލުގެ ހަރުކަށިވެރިންގެ މައްޗަށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގައި ދައްވާކުރެވޭނީ އެ ކޯޓުގެ މުޢާހަދާގައި ފަލަސްތީނު ސަރުކާރުން ސޮއިކޮށްގެންނެވެ.
މިމުޢާހަދާގައި ސޮއިކުރުމަށް ހަމާސްޖަމާއަތާ އެކު ޢައްބާސް އެއްބަސްވެ ވަޑައިގެންނެވި ނަމަވެސް އެމެރިކާގެ ފިއްތުންތަކާ ގުޅިގެން އައްބާސްގެ ސަރުކާރުން ވަނީ މިކަން ކުރިޔަށް ނުގެންގޮސް ހުއްޓާލާފަ އެވެ. އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައި ވަނީ ނާޒީ ޖަރުމަނުން ހިޓްލަރު ޔަހޫދީންނާ ދެކޮޅަށް ހިންގި ކަމަށްބުނާ ހޮލޮކޯސްޓް ފަދަ ނަސްލު ނައްތާލުމުގެ ޖަރީމާތަކެއް ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ ތުހުމަތު ކޮށްފަ އެވެ. ނަމަވެސް އިންސާނީ ހައްގުތަކުގެ ނަމުގައި އަޑުއުފުލާ ހުޅަނގުގެ ލީޑަރުން ވަނީ އިންސާނީ ހައްގުތަކަށް އަރައިގަތުމުގައި ހައްދުފަހަނަޅާފައިވާ އިސްރާއީލުގެ ވެރިން ހިމާޔަތް ކުރުމަށް އަވަސްވެގަތުމުގައި ސަފުހަދާލާފަ އެވެ.
އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އެންމެ ފަހުން ކުރި ހަނގުރާމައިގާ ޣައްޒާގެ 2100 އަށްވުރެ ގިނަ މީހުން ޝަހީދުކޮށް 12 ހާހަށް ވުރެ ގިނަމީހުން ޒަޚަމްކޮށްލާފައިވާ އިރު މީގެ ތެރެއިން ތިންބައިކުޅަ ދެބައި މީހުންނަކީ ކުށެއްނެތް އާންމުންނެވެ. އަދި މިހަނގުރާމައިގާ އިސްރާއީލުގެ ޙަމަލާތައް އެންމެ ބޮަޑަށް އަމާޒުކޮށްފައި ވަނީ ޣައްޒާގެ ގެދޮރަށާއި މިސްކިތްތަކަށާއި ހޮސްޕިޓަލްތަަކަށާއި ސްކޫލްތަކަށެވެ. މިތަންތަނަށް ހަމަލާތައް އަމާޒު ކުރިއިރު އިސްރާއީލުވަނީ ޙަމާސްގެ ޢަސްކަރީ އިންފްރާސްޓްރަކްޗަރަށް ވާސިލް ވުމުގައި މުޅިން ނާކާމިޔާބުވެފަ އެވެ. އަދި ހަމާސްއިން އިސްރާއީލަށް ފޮނުވާ އާދައިގެ ރޮކެޓް ހަމަލާތައް ހުއްޓުވުމުގައިވެސް އިސްރާއީލުގެ ބާރުގަދަ ކަމަށްބުނާ ލަޝްކަރުތައް ވަނީ މުޅިން ނާކާމިޔާބު ވެފަ އެވެ. (އަލްޖަޒީރާ)