އުމުރުން ހަ އަހަރުގެ ކުއްޖަކާއި ފަސް މީހުންނާ އެކު ހދ. ވައިކަރަދޫ އިން ކުޅުދުއްފުއްޓަށް މިއަދު ދަތުރުކުރި ދޯންޏެއް ފެތިއްޖެ އެވެ.

ކުޅުދުއްފުށިން ސަންއަށް އާ ވާހަކަ މުޙައްމަދު ޒުހައިރު ބުނީ ކުޅުދުއްފުށްޓާއި ކޭލަކުނާ ދޭތެރެއަށް ފެތުނީ ގާތްގަނޑަކަށް 20 ފޫޓުގެ ދޯންޏެއް ކަމަށާއި އެދޯނިން ދަތުރުކުރި މީހުންނާއި ދޯނިވެސް މިހާރު ސަލާމަތްކޮށްގެން ގެނެސްފައިވާ ކަމަށެވެ.

"އެއީ ގާތްގަނޑަކަށް 20 އަކަށް ފޫޓުގެ ދޯންޏެއް. އައުޓްބޯޑް އިންޖީނެއް އަޅާފައި ، ރިޔާވެސް ނެގޭ ގޮތަށް ހަދާފައިވާ ދޯންޏެއް. ފެތުނު އިރު ދޯނީގައި ތިބީ ހަ އަހަރުގެ ކުޑަ ކުއްޖަކާއި ފަސް މީހުން. އެވަގުތު އެސަރަހައްދުން ދަތުރުކުރި ލޯންޗަކުން ފުރަތަމަ އެ ކުޑަ ކުއްޖާ ނަގާފައި އިނީ. ދެން އެ ލޯންޗުން ގުޅީމައި އަޅުގަނޑުމެން ދޯންޏެއް ފޮނުވިން،" ޒުހައިރު ބުންޏެވެ.

އޭނާ ބުނީ ދޯނި އަޑިއަށް ދިޔައީ ދިރުނބާ ކޮޅުން ދެ ރާޅެއް ޖަހައި، ދިޔަ ބޮޑުވެ، ކޮންޓްރޯލް ނުކުރެވިގެން ކަމަށް ދޯނީގެ މީހުން ބުނި ކަމަށެވެ.

"... މިއަދު ހެނދުނު އައި ވާރޭ ކޮޅެއް. ދެން އެމީހުން ބުނާ ގޮތުން އެމީހުން ތިބީ ސަތަރި ގަނޑެއް އަޅައި ނިވައިވެގެން. ދެން ދެ ރާޅެއް ޖެހި ކަމަށް ވަނީ ދިރުނބާ ކޮޅުން ދޯނީގެ އެތެރެއަށް. އެކަމަކު ސަތަރި ދަށުގައި ތިބީމައި ނޭނގުނީ ދިޔަވި ވަރެއް. ދެން އެނގުނު އިރު ދިރުނބާކޮޅު އޮތީ އަޑިއަށް ގޮސްފައި، " އޭނާ ބުންޏެވެ.

ދޯނިން ދަތުރުކުރި މީހުންގެ އިތުރުން އޮޔާ ދިޔަ ބައެއް ސާމާނުވެސް ހޮވައިގެން މިހާރު ވަނީ ކުޅުދުއްފުއްޓަށް ގެންގޮސްފައެވެ. ދޯނި ސަލާމަތްކުރީ ދޯނި ފަހަރު ތޮށިގަނޑާ ގާތްކުރާ އިރު ތޮށިގަނޑާ ދޯންޏާ ދޭތެރެއަށް ލައްވާ ބޮޔާއި ތެޔޮ ހުސްކުރި ހަން ދޯނީގައި ބަނދެގެންނެވެ. ފެތުނު ދޯނީގެ މީހުންނާއި ދޯނި ކުޅުދުއްފުއްޓަށް ގެނައީ ރޯޔަލް ނަމަކަށް ކިޔާ ދޯންޏަކުންނެވެ.