26 Sep 2014, 23:22
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ދެކަނބަލުން މިރޭ ސައުދީ އަރަބިއްޔާ އަށް ފުރައިވަޑައިގެންފި އެވެ.
ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އިބްރާހިމް މުއާޒު އަލީ މިރޭ ވިދާޅުވީ ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ހައްޖަށް ކުރައްވާ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު ރާއްޖެ ވަޑައިގަންނަ ވާނީ އަންނަ މަހުގެ ތެރޭގައި ކަމަށެވެ.
ރައީސް ހައްޖަށް ކުރައްވާ ދަތުރުފުޅުގައި އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި އެމްޑީއޭގެ ނައިބު ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
ދައުލަތުގެ ބައެއް ވަޒީރުން ވެސް މިއަހަރު ހައްޖަށް ވަޑައިގަންނަވާނެ ކަމަށް "ސަން"އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.