26 Sep 2014, 22:47
އެމްޑީޕީ އޮފީސް ރޯކޮށްލި މައްސަލައާއި މިނިވަން ނޫހަށް ބަޔަކު ދިން ހަމަލާ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފި އެވެ.
ފޮރިން މިނިސްޓަރު މިރޭ ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ ޑިމޮކްރަސީއެއްގައި ސިޔާސީ ޕާޓީއަކީ ވަރަށް މުހިއްމު ދައުރެއް އަދާ ކުރާ ބައެއް ކަމަށާއި އެމްޑީޕީ ނޫނަސް ސިޔާސީ އެއްވެސް ޕާޓީއަކަށްދޭ އެފަދަ އެއްވެސް ހަަމަލާއަަކީ ސަރުކާރުން ގަބޫލު ކުރާނެ ކަމެއް ނޫން ކަމުގައި ވިދާޅުވި އެވެ. އަދި ކަމާ ބެހޭ ފަރާތްތަކުން އެ މައްސަލަ ތަހުގީގުކޮށް ވީއެންމެ އަވަސް ފުރުސަތެއްގައި އެ ފަރާތްތަށް ޝަރީއަތުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަގީން ކަން މިނިސްޓަރު ވަނީ ދެއްވައިފަ އެވެ.
"އެފަދަ ހަމަލާތައް އެއްވެސް ސިފައެއްގައި ސަރުކާރުން ބަލައެއްނުގެންނާނެ، އެފަދަ ހަމަލާތަކުގެ ސަބަބުން ގައުމު ސިޔާސީ ގޮތުން ހަލަބޮލިވެ، ގާނޫނު އަސާސީން ލިބިދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަން ކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ހަނިވެގެންދާނެ" އެ ބަޔާނުގައި ދުންޔާ ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން ރާއްޖޭގެ ނޫސްވެރިންނަށް އިންޒާރުދީ މިނިވަން ނޫހަށް ހަމަލާދިން މައްސަލާގައި ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގެންނަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ. އަދި ރާއްޖޭގެ ނޫސްވެރިންނަށް މިނިވަންކަމާއި ރައްކާތެރި ކަމާ އެކު މަސައްކަތް ކުރެވޭނެ މާހައުލެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކޮށްދޭނެ ކަމުގެ ޔަގީން ކަން ވެސް މިނިސްޓަރު ދެއްވި އެވެ.