މިނިވަން ނޫހުގެ އިދާރާގެ ސީސީޓީވީ ކެމެރާ ހަލާކުކޮށްލައި، ކެމެރާ ވަގަށް ނެގި މައްސަލާގައި ތުހުމަތުގައި ހައްޔަރު ކުރި މީހާ ޝަރުތުތަކާއެކު ކްރިމިނަލް ކޯޓުން މިރޭ ދޫކޮށްލައިފި އެވެ.
~
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ އެ މައްސަލައިގެ ތުހުމަތުގައި ރޭ ހައްޔަރުކުރި މީހާ ކޯޓުން މިރޭ ދޫކޮށްލީ އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން ޝަރުތުތަކެއް ކުރުމަށް ފަހު ކަމަށެވެ. ނަމަވެސް އެއީ ކޮން ޝަރުތުތަކެއް ކަމެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު މިރޭ "ސަން" އަށް ވިދާޅުވީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ބަންދުން ދޫކޮށްލީ ފުލުހުންގެ ބަންދުގައި އޭނާ ބަހައްޓަން ޖެހޭ ކަމަށް ހުށަހަޅާފައިވާ ކަންތައްތަކަށް ބަލައި އޭނާ ބަންދުގައި ބަހައްޓަން ޖެހޭނެ ސަބަބެއް ނެތް ކަމަށް ގާޒީ އަށް ފެނިވަޑައި ގަންނަވާތީ ކަމަށެވެ.

ކޯޓުން އޭނާ ދޫކޮށްލާފައި ވަނީ ތިން ކަމެއް ޝަރުތު ކުރުމަށްފަހު ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެއީ ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް އެއްބާރުލުން ދިނުމަށާއި ފުލުހުންނަށް ނޭނގި ރަށުން ބޭރަށް ފުރައިގެން ނުދިއުމަށާއި އެކަމުގެ ސަބަބުން ހަމަނުޖެހުމެއް އުފެދޭނެ އެއްވެސް ކަމެއް ނުކުރުމަށް ޝަރުތުކޮށެވެ.

ބޮޑުތަކުރުފާނުމަގު ޓަސްކަލޫސާއާ އިންވެގެން އުތުރަށް ހުންނަ އިމާރާތުގައި ހިންގާ މިނިވަން ނޫހުގެ އޮފީހުގައި ހަރުކޮށްފައި ހުރި ކެމެރާއަކަށް ގެއްލުންދީ އެ ކެމެރާ ވަގަށް ނަގާފައިވާ ކަމުގެ ތުހުމަތުގައި ފުލުހުން އެ މީހާ ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.

މިނިވަން ނޫހަށް ހަމަލާދިން މައްސަލައަށްފަހު ބައެއް މީޑިއާތަކަށް ބިރު ދައްކައި އިންޒާރުގެ މެސެޖްތައް ދެމުންގެންދާ މައްސަލައާ ގުޅިގެން ފުލުހުން ގެންދަނީ މިނިވަން ނޫހާއި ރާއްޖެ ޓީވީއަށް ސެކިއުރިޓީ ދެމުންނެވެ. އަދި އެމްޑީޕީ އޮފީހަށް ރޭ ދިން ހަމަލާއާ ގުޅިގެން އެ އޮފީސް ކައިރީގައި ވެސް ފުލުހުން ދަނީ ފޯރިމަރަމުންނެވެ.