ސޯޝަލް މީޑިއާގައި ސެކިއުލާ ވާހަކަ ދައްކަމުންދާ ވަކިވަކި ފަރުދުންނަކީ އެމްޑީޕީ ނޫން ކަމަށާއި އެފަދަ ވާހަކަތައް ދައްކަމުންދާ މީހުންދެކެ އަންނަ ރުޅި އެމްޑީޕީއަށް އަމާޒުކޮށްގެން ނުވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އޮފީހަށް ހަމަލާދީ، އެ ޕާޓީގެ މަޖިލިސް މެމްބަރުނަށާއި އާންމު މެމްބަރުންނަށް މަރުގެ އިންޒާރު ދެމުންދާ މައްސަލާގައި އެމްޑީޕީގެ ގައުމީ ހިންގާ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ ސޯޝަލް މީޑިއާގައި ސެކިއުލާ ވާހަކަތައް ދައްކަމުންދާ ފަރާތްތައް އެންމެންނަށް ވެސް އިނގޭ ކަމަށެވެ. އަދި އެފަދަ ވާހަކަ ދައްކާ މީހުން ދެކެ އަންނަ ރުޅި އެމްޑީޕީ އާއި މުޅި ގައުމުގެ އަމަން ނަގާލުމަށް ވިސްނައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަކިވަކި ފަރުދަކު ދައްކާ ވާހަކައަކީ މުޅި އެމްޑީޕީއެއް ނޫން. މިސާލަކަށް ސޯޝަލް މީޑީއާގައި އުޅޭ ޒުވާނެއް. އަޅުގަނޑުމެން އެންމެންނަށް އެބަފެނޭ ނޫންތޯ ސެކިއުލާ ވާހަކަ ދައްކާ މީހުން. އެއީކީ އެމްޑީޕީއެއް ނޫން. އެއިން މީހަކަށް އަންނަ ރުޅި މުޅި އެމްޑީޕީއަށާއި މުޅި ރާއްޖޭގެ އަމަން އަމާންކަން ނައްތާލަން ބާއްވައިގެން ނުވާނެ. އެމްޑީޕީއަކުން ދުވަހަކު ވެސް އިރާދަ ކުރެއްވިއްޔާ ޖާގައެއް ނުދޭނެ، އެހެން ދީނަކަށް މިރާއްޖޭގައި،" އެމްޑީޕީގެ ހަތަރު ވަނަ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވި އެވެ.

އެމްޑީޕީ އޮފީހަށާއި އެ ޕާޓީގެ އިސް ވެރިންނަށާއި މަޖިލިސް މެމްބަރުންނަށް އިންޒާރު ދެމުންދަނީ ސަރުކާރު އަޑީގައި އޮވެގެން ވާދަވެރި ސިޔާސީ ޕާޓީއެއް ނައްތާލަން ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ނޫސްވެރިންނަށް އިންޒާރުދީ މީޑީއާތައް ހިންގާ އިމާރާތްތަކަށް ގެއްލުން ދެމުންދަނީ އެފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ކަމަށެވެ.

އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައި، އެ ޕާޓީގެ އޮފީހުގައި ރޯކޮށްލަން ރޭ ބަޔަކު މަސައްކަތް ކުރި މައްސަލާގައި އެމްޑީޕީ އޮފީސް ހިންގާ އިމާރާތުގެ ކައިރީގައި ފުލުހުން މިއަދު ވަނީ ފޯރިމަރަން ފަށާފަ އެވެ.

އެމްޑީޕީ އޮފީހުގެ ކައިރީގައި ފުލުހުން ފޯރިމަރަން ފެށުމުން އަލީ ވަހީދު ވަނީ އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ގައުމުގެ ހާލަތު މިހާރު ގޮސްފައިވާ ހިސާބުން ދިވެހި ސިފައިން ނުކުމެގެން ވިޔަސް، ގައުމު އަމާން ކުރަންޖެހޭ ކަމަށެވެ.

"މިހާރު ހިންގަމުންދާ ކަންތައްތަކަކީ ސަރުކާރެއް ބަލިކަށިވެ، ތާއިދު ގެއްލުމުން ހިނގަމުންދާ ހަރަކާތްތަކެއްގެ ގޮތުގައި އަޅުގަނޑަށް ސިފަަވަނީ. ދުނިޔޭގެ ސަރުކާރުތަކަށް ބަލާއިރުވެސް އެންމެ ބޮޑަށް، ސީރިޔާ ކަހަލަ ހަމަނުޖެހުން ބޮޑުތަންތާނގައި ސަރުކާރެއް ބަލިކަށިވެގެން ނެތިދާންފެށީމަ ހިންގާ ކަންތައްތައް މިހާރު ރާއްޖޭގައި މި ފެންނަނީ،" އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ މާލޭގައި މިހާރު ހިންގަމުންދާ ކަންތައްތަކާ ގުޅިގެން އެމްޑީޕީގެ ގައުމީ ހިންގާ ކޮމެޓީން، ޑިފެންސް މިނިސްޓްރީއަށް ސިޓީއެއް ފޮނުވަން ނިންމާފައިވާ ކަމަށެވެ. އަދި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާ ބައްދަލު ކުރައްވާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު މިއަދު ވަނީ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދާ ބައްދަލު ކުރައްވާފަ އެވެ. މާލޭގައި ހިންގަމުންދާ ކަންތައްތަކާ ގުޅިގެން އެމްޑީޕީގެ ކަންބޮޑުވުން ބޭރު ދުނިޔެއަށް ހާމަ ކުރުމަށް އެ ޕާޓީގެ ބައިނަލް އަގުވާމީ ކޮމެޓީން ވަނީ މަސައްކަތް ފަށާފަ އެވެ.

އަލީ ވަހީދު ވިދާޅުވީ އެމްޑީޕީގެ ބައިނަލް އަގުވާމީ ކޮމެޓިގެ މުގައްރިރު އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ލަންކާގައި ހުންނަ ބޭރުގެ އެންބަސީތަކަށް ޒިޔާރަތްކޮށް، ރާއްޖޭގެ ހާލަތު އެފަރާތްތަކަށް އަންގަމުންދާ ކަމަށެވެ.