ރާއްޖޭ މީޑިއާތަކަށާއި ސިޔާސީ ޕާޓީތަކުގެ އޮފީސްތަކަށް ހަމަލާދީ، ނޫސްވެރިންނަށް އިންޒާރުތައް ދެމުން ގެންދާ މައްސަލާގައި އެމެރިކާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ސްރީލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީން ނެރެފައިވާ ކުރު ބަޔާނެއްގައި ބުނެފައި ވަނީ ސުލްހަވެރިކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އަސާސީ ދިމިގްރާތީ ހައްގެއް ކަމަށާއި އެ އަމަލްތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އެ މައްސަލަތައް ތަހުގީގު ކުރުމަށް ދިވެހި ފުލުހުން އަވަސްވެގެންފައި ވާތީ އެކަން ފާހަގަކޮށް، އެ އަމަލު ހިންގި ފަރާތްތަކުގެ މައްޗަށް ވީހާވެސް އަވަހަކަށް އިންސާފު ހިންގުމަށް ކަމާ ބެހޭ ފަރާތްތަކަށް ބާރު އެޅުމަށާއި ބިރު ދެއްކުމާއި މާރާމާރީގެ އެންމެހާ އަމަލްތައް ހުއްޓުވުމަށް ވެސް އެމެރިޔާއިން އެ ބަޔާނުގައި ވަނީ ގޮވައިލައިފަ އެވެ.'

މިނިވަން ނޫސް ހިންގާ އިމާރާތަކަށް ގެއްލުންދީ އެތަނުގެ މުވައްޒަފުންނަށް ބިރު ދެއްކި މައްސަލައާ ގުޅިގެން މިހާތަނަށް ފުލުހުން އެކަކު ވަނީ ހައްޔަރުކޮށްފައިވާ އިރު އެ ހަބަރު ގެނެސްދިން ބައެއް މީޑިއާތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ވެސް ތަފާތު އިންޒާރުތައް އިއްޔެ އާއި ރޭ ވަނީ ދީފަ އެވެ.