26 Sep 2014, 17:09
ބައިނަލްއަގުވާމީ ޓޫރިސްޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން ތަފާތު ގިނަ ހަރަކާތްތަކެއް މާލެ އާއި އަތޮޅު ތެރޭގައި ކުރިއަށް ގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
މާދަމާ ފާހަގަ ކުރާ ޓޫރިޒަމް ދުވަހާ ގުޅުވައިގެން ޓޫރިޒަމް މިނިސްޓްރީން ކުރިއަށް ގެންދާ ހަރާކާތްތަކަކީ ޓޫރިޒަމް ދާއިރާގެ ހަރަކާތްތެރިވާ ވިޔަފާރި ކުންފުނިތަކާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ.
މާދަމާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި ހެނދުނު 8:00 ގައި ޓްރޭޑާސް ހޮޓެލްގެ ފަރާތުން ޖެޓީ ނަމްބަރު ހައެއް ހިމެނޭ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ. އަދި އެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާދަމާ ހެނދުނު 9:00ގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ސަގާފީ ބޮޑުބެރުގެ ކުޅިވަރުތަކާއި ޓޫރިސްޓުންނަށް ހަދިޔާ ބެހުމާއި ހުޅުމާލޭގައި މާދަމާ ހަވީރު އޮންނަ ބައިސްކަލް ރޭސް ހިމެނެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ޓޫރިޒަމް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ޓެޕް) ގެ ފަރާތުން ބޭއްވި އާޓް ކޮމްޕެޓިޝަން އެވޯޑް ދިނުމާއި ކުރެހުމާ ބެހޭ މައުރަޒެއް ނޭޝަނަލް އާޓް ގެލަރީގައި އާދީއްތަ ދުވަހުގެ ހެނދުނު އޮންނާނެ ކަމަށެވެ.
މީގެ އިތުރުން އެ ދުވަހުގެ ހަރަކާތްތައް ސަރަހައްދީ ހުރިހާ އެއާޕޯޓްތަކެއްގައި އާދީއްތަ ދުވަހު ކުރިއަށްދާއިރު ތިމާވެއްޓާއި ބެހޭ ހަރަކާތްތަކެއް ވެސް ބައެއް ރިސޯޓްތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
އެގޮތުން ފޯސީޒަން ރިސޯޓް ސާފުކުރުމުގެ ކޮންޕެޓިޝަނެއް ކުރިއަށްދާއިރު ކުރުނބާގައި މޫދު ސާފުކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ. ނަލަދޫ ރިސޯޓްގައި މޫދާއި ވިލުތެރެ ސާފުކުރުމާއި ގަސް އިނދުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ. މީގެ އިތުރުން ވިލުރީފު ރިސޯޓާއި ކުރެއްދޫގައި ވެސް ސާފުކުރުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.