މިނިވަން ނޫހުގެ ސީސީޓީވީ ކެމެރާ ހަލާކުކޮށް، އެ ނޫހުގެ ދޮރަށް ކަތިވަޅި ޖަހައި ބިރު ދެއްކި މީހުން ހޯދައި، އެ މީހުންނަށް ވީހާ ވެސް އަވަހަށް އަދަބު ދިނުމަށް އިންޓަނޭޝަނަލް ފެޑްރޭޝަން އޮފް ޖާނަލިޒަމް (އައިއެފްޖޭ) އިން ގޮވާލައިފި އެވެ.

މިނިވަން ނޫހަށް ހަމަލާދިން މައްސަލާގައި އައިއެފްޖޭގެ ރަސްމީ ވެބްސައިޓުގައި މިއަދު ބުނެފައި ވަނީ ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ރާއްޖޭގައި ނެތުމުން އެކަމާ އެ ޖަމިއްޔާ އިން ކަންބޮޑުވާ ކަމަށެވެ. ރާއްޖޭގެ ނޫސްވެރިންނާއި ނޫސް އިދާރާތަކަށް އަމާޒުވާ ހަމަލާތަކާއި އިންޒާރުތަކުން އެތަންތަން ރައްކާތެރިކުރުމަށް އައިއެފްޖޭގެ ވެބްސައިޓުގައި ސަރުކާރަށް މިއަދު ވަނީ ގޮވާލާފަ އެވެ.

އޭޝިއާ ޕެސިފިކްގެ އައިއެފްޖޭގެ ޑެޕިއުޓީ ޑިރެކްޓަރު ޖޭން ވޯތިންޓޮންއާ ހަވާލާދީ އެ ޖަމިއްޔާގެ ވެބްސައިޓުގައި ބުނެފައި ވަނީ މިނިވަން ނޫހަށް ދިން ހަމަލާއަކީ މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅައި، ބިރު ދެއްކުމަށް ހިންގާފައިވާ އަމަލެއް ކަމަށެވެ. އެ މައްސަލަ ދިވެހި ސަރުކާރުން ތަހުގީގުކޮށް އެކަމުގައި ކުށްވެރިވާ ފަރާތްތަކަށް ވީހާވެސް އަވަހަކަށް ހައްގު އަދަބު ދިނުމަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ.

މިނިވަން ނޫހަށް ހަމަލާދިން މައްސަލާގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ނެރުނު ބަޔާނަށް ތާއިދުކޮށް އެ ޖަމިއްޔާ އިން ބުނެފައި ވަނީ ދައުލަތުގެ އިދާރާތަކުން ނޫސްވެރިންނަށް އަމާން މާހައުލެއް ހޯދައިދޭން ޖެހޭނެ ކަމަށެވެ.

މިނިވަން ނޫހުގެ ސީސީޓީވީ ކެމެރާ ހަލާކުކޮށް، އެ ނޫސް ހުންނަ އިމާރާތުގެ އެޕާޓްމަންޓްއެއްގެ ދޮރަށް ކަތިވަޅި ޖެހި މައްސަލާގައި ފުލުހުން ރޭ ވަނީ އެކަކު ހައްޔަރުކޮށްފަ އެވެ. އޭނާއަކީ މިނިވަން ނޫހުގެ ސީސީޓީވީ ކެމެރާއަށް ހަމަލާދިން މީހާ އެވެ. ފުލުހުން އޭނާގެ މައްޗަށް ތުހުމަތު ކުރަނީ މިނިވަން ނޫސް ހިންގާ އިމާރާތުގައި ހަރުކޮށްފައި ހުރި ސީސީޓީވީ ކެމެރާއެއް ވަގަށް ނެގިކަމުގެ ތުހުމަތެވެ. އޭނާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ފުލުހުން ރޭ ހައްޔަރު ކުރީ އަހްމަދު މުއާޒް ކިޔާ މީހެކެވެ. އޭނާއަކީ ޖިނާއީ ބޮޑެތި ކުށްތަކުގެ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ.