މާލެ އިން ފުރައިގެން ޅ. ނައިފަރަށް ދަތުރުކުރަމުން ދަނިކޮށް އިންޖީނު ހުއްޓިގެން ހާލުގައި ޖެހުނު ދޯންޏަކަށް އެމްއެެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެމްއެމްޑީއެފުން މިއަދު ބުނީ ރޭ ފަތިހު މާލެ އިން ފުރައިގެން ނައިފަރަށް ދަތުރުކުރަމުން ގެންދިޔަ "ހުދުހުދު އެކްސްޕްރެސް" ނަމަކަށް ކިޔާ ދޯނީގައި 72 މީހުން ތިބި ކަމަށާއި އޭގެ ތެރެއިން 38 މީހަކު ކޯސްޓްގާޑުގައި މިއަދު ހެނދުނު ނައިފަރަށް ގެންގޮސްފައިވާ ކަމަށެވެ. ނައިފަރަށް ގެންދިޔަ މީހުންގެ ތެެރޭގައި 23 އަންހެނުންނާއި އެއް ކުޑަކުއްޖަކާއި 13 ފިރިހެނުން ހިމެނެ އެވެ.

އެ ހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެ ދޯނީގެ އިންޖީނު ހުއްޓުނީ ދޯނީގެ ގިއަރު ބޮކްސް އަށް ދިމާވި މައްސަލައަކުން ކަމަށާއި އިންޖީނު ހުއްޓިފައި ވަނީ ކ. ކާށިދޫ ކައިރިން ކަމަށް ދޯނީގެ ކެޕްޓަނާ ހަވާލާދީ އެމްއެންޑީއެފުން ބުންޏެވެ. އަދި ދޯނީގެ އިންޖީނަށް ދިމާވި މައްސަލަ ހައްލުކުރުމަށް ފަހު މިހާރު އަންނަނީ ނައިފަރަށް އެ ދޯނި ދަތުރުކުރަމުން ގެންދާ ކަމަށް ވެސް ބުންޏެވެ.