26 Sep 2014, 14:52
ގާހިރާ (ސެޕްޓެމްބަރ 26) : ފަލަސްތީނުގެ އެންމެ ބޮޑު ދެޖަމާއަތް ކަމަށްވާ ޙަމާސް ޖަމާއަތާއި ފަތްހު ޖަމާއަތުގެ ދެމެދުގައިވާ ޚިލާފްތަކާއި ދެބަސްވުންތައް ނައްތާލުމަށް ފަހު ފަލަސްތީނުގައި އުފައްދާފައިވާ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުގެ ހިންގުމަށް މިހާރު ކުރިމަތިވެފައިވާ ހުރަސްތަކެއް ނައްތާލުމަށް އެދެޖަމާއަތުން އެއްބަސްވެއްޖެ އެވެ.
ޙަމާސް ޖަމާއަތާއި ފަތްހު ޖަމާއަތުން މިކަމަށް އެއްބަސްވެފައި ވަނީ ގާހިރާގައި ކުރިޔަށް ދިޔަ އެ ދެ ޖަމާއަތުގެ އިސްވެރިންގެ ބައްދަލުވުމެއްގަ އެވެ. މިބައްދަލުވުމަށް ފަހު ދެއްވި ބަޔާނެއްގައި ފަތްހު ޖަމާއަތުގެ އިސްވެރިއެއް ކަމަށްވާ އައްޒާމް އަލްއަހްމަދު ވިދާޅުވީ ފަލަސްތީނުގައި އުފައްދާފައިވާ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުގެ ހިންގުމަށް ކުރިމަތިވެފައިވާ ހުރިހާ ދަތިތަކަކާއި ހުރަސްތަކެއް ނައްތާލުމަށާއި ހަމާސްއާއި ފަތްހު ޖަމާއަތާ ދެމެދު ކުރިން އެއްބަސް ވެވިފައިނުވާ ތައްތަކަށް މިބައްދަލުވުމުގައި އެއްބަސްވެފައިވާ ކަމުގަ އެވެ. ގާހިރާގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ޙަމާސްގެ އިސްވެރިއެއް ކަމަށްވާ މޫސާ އަބޫ މަރްޒޫގް ވިދާޅުވީ ފަލަސްތީނުގެ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުން ޣައްޒާގައި އަދާކުރަން ޖެހޭ ދައުރާ މެދު ޙަމާސްއާ އެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާ މިއެއްބަސްވުމަށް ފަހު ޣައްޒާއާއި ހުޅަނގު އައްސޭރީގައި އޮންނާނީ އެއްއެޑްމިނިސްޓްރޭޝަންއެއް ކަމުގަ އެވެ.
ކުރިން އެއްސަރުކާރެއް އޮތް ކަމަށް ވިޔަސް ފަލަސްތީނުގެ އެދެ ސަރަހައްދުގައި އެސަރުކާރު ހިންގަމުން ގެންދިޔައީ ދެ އެޑްމިނިސްޓްރޭޝަން އެއްގެ ދަށުންނެވެ. އަދި ވަތަނީ އެއްބައިވަންތަކުމުގެ ސަރުކާރުގެ ދައުރު ވެސް އޮތީ އޮޅުންބޮޅުން ގަނޑެއްގެ ތެރޭގަ އެވެ. މިގޮތުން ޣައްޒާގައި ތިބޭ ފަލަސްތީނުގެ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދިނުމުގެ މައްސަލާގައި ވެސް ވަނީ ދެބަސްވުންތައް އުފެދިފަ އެވެ. ނަމަވެސް މިހާރު މިފަދަ އިދާރީ ހުރިހާ މައްސަލަ ޙައްލުވެފައިވާ ކަމަށް އަބޫމަރްޒޫގު ވިދާޅުވި އެވެ.
ޙަމާސް ޖަމާއަތާއި ފަތްހު ޖަމާއަތުގެ ދެމެދުގައިވާ ޚިލާފްތަކާއި ދެބަސްވުންތައް ނައްތާލުމާ ގުޅިގެން އިސްރާއީލު ވަނީ ކަންބޮޑުވާކަން ހާމަކޮށްފަ އެވެ. އަދި މިދެޖަމާއަތް ގުޅިގެން އެކުލަވާލާފައިވާ ފަލަސްތީނުގެ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރު ރޫޅާލުމަށް އިސްރާއީލުން ކުރިމަސައްކަތްތައް ވެސް ވަނީ ނާކާމިޔާބުވެފަ އެވެ. ފަލަސްތީނުގެ ސަރުކާރުގައި ހަމާސް ޖަމާއަތް ބައިވެރިކުރާތީ އެމެރިކާ ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ސަބަބަކީ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ހަމާސް ޖަމާއަތުން މިނިވަންކަމުގެ ޖިހާދެއް ކުރަމުން ގެންދާތީއާއި އިސްރާއީލުގެ އަޅުވެތިކަމާ ދެކޮޅަށް ޙަމާސުން ތެދުވަމުންދާތީ އެވެ. (އަލްޖަޒީރާ)