26 Sep 2014, 14:35
އދ. މަޖިލިސް (ސެޕްޓެމްބަރ 25) : އިރާގާއި ސޫރިޔާގައި ހަނގުރާމައިގެ އަމަލުތައް ހިންގަމުން ގެންދާ އައިއެސް ޖަމާއަތާއި އެނޫން ވެސް ހަރުކަށި ޖަމާއަތްތަކުގެ ބާރުގަދަ ވެގެން ދިޔައީ ނުވަތަ އެޖަމާއަތްތައް ބާރުގަދަ ކުރުވުމުގެ ފަހަތުގައި ވަނީ ބައެއް ގައުމުތަކުން ގެންގުޅުނު ސިޔާސަތުތަކާއި އެގައުމުތަކުގެ ޖާސޫސީ އިދާރާތައް ކަމަށް އީރާނުގެ ރައީސް ޑރ. ޙަސަން ރޫޙާނީ ތުހުމަތު ކުރައްވައިފި އެވެ.
އދ. ގެ ޖެނެރަލް އެސެމްބްލީގައި ތަގްރީރު ކުރައްވަމުން ރޫޙާނީ ވިދާޅުވީ އައިއެސް ޖަމާއަތާއި އެނޫން ވެސް ހަރުކަށި ޖަމާއަތްތަކުގެ ނުރައްކާ ބޮޑުވެގެން ދިޔަ ނަމަވެސް އެ ޖަމާއަތްތަކުގެ މައްސަލަ ހައްލުކުރަން ޖެހޭނީ ސަރަހައްދުގެ ގައުމުތަކުން ކަމަށާ ބޭރު ގައުމުތައް މުސްލިމުންގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ވަދެގަނެ އަސްކަރީ ބާރުބޭނުންކުރުމަކީ އެއްވެސް ޙާލެއްގައި ގަބޫލުކުރެވޭނެ ކަމެއްނޫން ކަމުގަ އެވެ.
ނިޔުޔޯކްގައި ހުންނަ އދ.ގެ މައިމަރުކަޒުގައި ކުރިޔަށްދާ އދ.ގެ ޖެނެރަލް އެސެމްބްލީގެ 69 ވަނަ ސެޝަންގައި ތަގްރީރު ކުރައްވަމުން ރޫޙާނީ ވަނީ އައިއެސް އާ ހަނގުރާމަ ކުރުމަށް ކަމަށް ބުނެ އެމެރިކާ އިސްވެ އޮވެގެން ސޫރިޔާއާއި އިރާގަށް ދެމުންގެންދާ ޙަމަލާތައް ކުށްވެރިކުރައްވައި އެމެރިކާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ރޫހާނީ ވިދާޅުވީ އިރާގާއި ސޫރިޔާ އަށް ބޮންއެޅުމާއި މިސައިލުން ޙަމަލާތައް ދިނުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫން ކަމަށާއި މިފަދަ ޙަމަލާތަކުން ގިނައިން މަރުވެ އަދި ޒަޚަމްވެގެން ދާނީ ކުށެއްނެތް އާންމުން ކަމުގަ އެވެ. އަދި ވައިގެ މަގުން ޙަމަލާތައްދީގެން އައިއެސްއާއި ޖަބްހަތުއްނުސްރާ ފަދަ ޖަމާއަތްތައް ނައްތާނުލެވޭނެ ކަމަށް ވެސް ރޫޙާނީ ވިދާޅުވި އެވެ. މިއީ އީރާނުގެ ނިއުކްލިޔާ މައްސަލާގައި ރޫހާނީގެ ޒަޢާމަތުގައި އެމެރިކާއިން އީރާނާ ސީދާގޮތެއްގައި ވާހަކަތައް ދައްކަން ފެށިފަހުން މިހާ ފާޅުކަން ބޮޑުގޮތެއްގައި ރައީސް ރޫހާނީ އެމެރިކާ އަށް ފާޑުވިދާޅުވި ފުރަތަމަ ފަހަރެވެ.
އައިއެސްއާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެގެން އިރާގާއި ސޫރިޔާއާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގާ އީރާން ބައިވެރި ވުމާ މެދު ދެގައުމުގެ ދެމެދުގައި ވަނީ ޚިޔާލުތަފާތުވެފަ އެވެ. އީރާނަކީ އެމެރިކާ އަށް އިތުބާރު ނުކުރެވޭ އަދި އެމެރިކާގެ ބަސްނާހާ ގައުމަކަށް ވާތީ އައިއެސްއާ ދެކޮޅަށް އެމެރިކާ އެކުލަވާލި އިއްތިޙާދުގައި އީރާން ބައިވެރި ކުރުމަށް އެމެރިކާ ކުރިން ވަނީ ދެކޮޅު ހަދާފަ އެވެ. ނަމަވެސް އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ވަނީ މިއިއްތިޙާދުގައި އީރާން އަދާކުރާނެ ދައުރެއް އޮތްކަމަށް ވިދާޅުވެ ފަހުން އެއާ މުޅިން ޚިލާފަށް ވާހަކަ ދައްކަވާފަ އެވެ.
އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފް ވަނީ އެގައުމުގެ ނިއުކްލިޔަރ މައްސަލާގައި އެމެރިކާ ގެންގުޅޭ ހަރުކަށި ސިޔާސަތުތަކަށް ދޫދޭ ނަމަ އައިއެސްއާ ދެކޮޅަށް އެމެރިކާ އަށް އެއްބާރުލުން ދެވިދާނެ ކަމަށް ވިދާޅުވެ އެމެރިކާ އަށް ހުށަހެޅުމެއް ހުށަހަޅުއްވާފަ އެވެ. ނަމަވެސް އެމެރިކާ ވަނީ އީރާނުގެ މިހުށަހެޅުމަށް ދެކޮޅު ހަދާފަ އެވެ.
އީރާނަކީ އިރާގާއި ސޫރިޔާގައި ނުފޫޒުގަދަ ގައުމަކަށްވެފައި އީރާނަކީ އަމިއްލަ އަށް ހަތިޔާރު އުފައްދާ އަދި އަސްކަރީ ޓެކްނޮލޮޖީގައި ކުރިއަރާފައިވާ ގައުމަކަށް ވާތީ އައިއެސްއާ ދެކޮޅަށް އެމެރިކާ ކުރާ ހަނގުރާމަ ނާކާމިޔާބު ކޮށްލުމަށް އީރާނަށް ކުރެވިދާނެ އެތައް ކަމެއް އޮތް ކަމަށް އަސްކަރީ ތަޖްރިބާކާރުން ދެކެ އެވެ. ނަމަވެސް އެމެރިކާގެ ހަނގުރާމައިގެ ޕްލޭންތައް ނާކާމިޔާބުކޮށްލުމުގެ ޓެކްޓިކެއްގެ ގޮތުން އައިއެސްއަށް ސިއްރިޔާތުގައި ހަތިޔާރު ފޯރުކޮށްދިނުންފަދަ ކަމެއް އީރާނުގެ މިހާރުގެ ސަރުކާރުން ކޮށްފާނެ ކަމާމެދު މުޙައްލިލުން ޝައްކުކުރެ އެވެ. (އަލްޖަޒީރާ)