ރެއާލް މެޑްރިޑްގެ ލެޖެންޑް، ކާލޯސް ސަންތިޔާނާ ގަބޫލުކުރާ ގޮތުގައި އޭނާއަށް މިހާތަނަށް ފެނުނު ހުރިހާގޮތަކުން އެންމެ ފުރިހަމަ ކުޅުންތެރިއަކީ ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށް އޭނާ ބުނެފި އެވެ.

މިހާރު އުމުރުން 62 އަހަރުގެ ކުރީގެ ސްޕެނިސް ފޯވާޑަކީ 1971 އާއި 1988 އާދެމެދު ރެއާލްއަށް ކުޅެ އެޓީމުގެ ލަނޑުގެ ލިސްޓުން ލަ ލީގާގައި ތިންވަނައަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެޔާގެ ޖާގަ ހޯދާފައިވާ ކުޅުންތެރިޔާ އެވެ. އެހެންނަމަވެސް މިދިޔަ ހަފްތާ ބަންދުގައި ޑިޕޯޓިވޯ ކޮޅަށް ހެދި ހެޓްރިކާއި، އެލްޗޭ ކޮޅަށް ޖެހި ހަތަރު ލަނޑާއެކު މި ހަފްތާގައި ރޮނާލްޑޯ ވަނީ، ސަންތިޔާ ހަދާފައިވާ ލަނޑުގެ ރެކޯޑާ ހަމަހަމަކޮށްފައެވެ.

ސަންތިޔާ ބުނީ، ޕޯޗުގީޒު ތަރި ރޮނާލްޑޯ ކުރިއަށް އޮތްތަނުގައި ގިނަ ރެކޯޑުތަކެއް ގާއިމުކޮށް އެފަދަ އެތައް ރެކޯޑުތަކެއް މުގުރައިލާނެ ކަމަށެވެ.

"ރޮނާލްޑޯ ވާނެ ހުރިހާ ރެކޯޑެއް މުގުރާލާނެ ކުޅުންތެރިއަކަށް،" އޭއެސްއަށް ސަންތިޔާނާ ބުންޏެވެ. "އެހެން ކުޅުންތެރިންނާ އަޅައިބަލާއިރު ރޮނާލްޑޯއަކީ އެހެން ދުނިޔެއެއްގައިވާ ކުޅުންތެރިއެއް. އޭނާއަކީ ހަމަ 'ބެސްޓް'."

ސަންތިޔާނާ ބުނީ، ރޮނާލްޑޯއަކީ އަޖައިބުކުރުވަނިވި ކުޅުންތެރިއެއް ކަމަށާއި، އެގޮތުން ރޮނާލްޑޯގެ ބައިވެރިވުމާއެކު ރެއާލުން ގިނަ ޓްރޮފީތަކެއް ހާސިލް ކުރާނޭ ކަމަށް އުންމީދުކުރާ ކަމަށެވެ.

"އޭނާ [ރޮނާލްޑޯ] މި ކްލަބަށް އައުމާއެކު އަހަރެމެން އެންމެން ވެސް ގަބޫލުކުރިން އޭނާ ވަނީ ޖައްވުގެ ތެރޭގައި މަޑު ޖެހުމެއްނެތި ކުރިއަރައިގެން ގޮސްފައިކަން. މިފަހަކަށް އައިސް ފިޒިކަލީ ގޮތުން ވެސް މިހާރު އޭނާ ވަނީ އަހަރެން ދެކޭ ގޮތުގައި ވަރަށް ބޮޑަށް ވަރުގަދަ ވެފައި. އަދި އޭނާގެ ޓެކްނިކްތައް ވެސް ވަނީ، ކުރިއަރުވާފައި،" ރޮނާލްޑޯއަށް ވަރަށް ބޮޑަށް ތައުރީފު ކުރަމުން ސަންތިޔާނާ ބުންޏެވެ.

"އޭނާ އެދަނީ ހުރިހާ ގޮތަކުން ވެސް އެކްސްޕާޓަކަށް ވަމުން. އެހެން ކަމުން އޭނާއަކީ މިހާތަނަށް އުފެދުނު އެންމެ ފުރިހަމަ ކުޅުންތެރިޔާ."

ސަންތިޔާނާއާއި ރޮނާލްޑޯއާ ދެ ކުޅުންތެރީން ވެސް ވަނީ، ރެއާލް މެޑްރިޑަށް މިހާތަނަށް 186 ލަނޑު ކާމިޔާބުކޮށްދީފައެވެ. ސަންތިޔާނާ 186 ލަނޑު ޖަހަން 461 މެޗު ކުޅެފައިވާއިރު ރޮނާލްޑޯ ވަނީ، 169 މެޗުން އެ އަދަދު ހަމަކޮށްފައެވެ.

އަންނަ ހޮނިހިރު ދުވަހު ލަލީގާގައި ވިލަރެއާލްއާ ދެކޮޅަށް ރެއާލް ކުޅޭ މެޗުގައި ލަނޑުޖަހައި، ލަނޑު ލިސްޓުން ސަންތިއާނާއަށް ވުރެ ކުރިއަށް އެރުމުގެ ފުރުސަތު ރޮނާލްޑޯއަށް އެބައޮތެވެ.