21 Jan 2011, 13:54
ގދ. މަޑަވެއްޔާއި، ހޯނޑެއްދޫއާ ކޯޒްވޭއަކުން ގުޅާލައި، ދެރަށް އެކުގައި ތަރައްޤީ ކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެކަން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ހުވަދުއަތޮޅުގެ ބައެއް ރަށްރަށަށް އެމަނިކުފާނު މިއަދު ހެނދުނު ފެށްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން، ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެއްޔަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަޑަވެއްޔާއި، ހޯނޑެއްދޫ ދެރަށް ގުޅާލައި އެ ދެ ރަށުގެ ބިން ބޮޑުކޮށް، ވިޔަފާރި ފުޅާކޮށް، ދެރަށުގެ ތަރައްޤީއަށް އެކަށީގެންވާ ފެންވަރުގެ ބޮޑު ބަނދަރެއް ހެދުމަކީ، ދެރަށުގެ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރިކަމެ ކަމަށެވެ. އަދި ދެރަށް ގުޅާލެވުމުން، ގުޅިފައިވާ ކަރަންޓްގެ ޚިދުމަތާއި ފެނުގެ ނިޒާމެއް ދެރަށުގައި ޤާއިމް ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، މަޑަވެލީގެ ތަރައްޤީއަށް ކުރިއަށް ގެންދެވުމަށް ހަމަޖައްސަވާފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން، މަޑަވެލީގެ ނަރުދަމާގެ ނިޒާމް ޤާއިމް ކުރެއްވުމުގެ މަސައްކަތް މިއަހަރު ތެރޭގައި ފަށްޓަވައި މިއަހަރު ނިމުމުގެ ކުރިން އެ މަސައްކަތް ފުރިހަމަ ކުރެއްވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ވަށާޖެހޭ ތަޢުލީމެއް ދިނުމަށްޓަކައި، ބޭނުންވާ ޢިމާރާތްތައް މަޑަވެލީ ސްކޫލްގައި ބިނާ ކުރައްވައި، މަޑަވެލީ ސްކޫލަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގައި ހަމަޖެއްސެވުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރަށުން ލިބެން ހުރި ޞިއްޙީ ޚިދުމަތައް، ރަށުގެ ހުރިހާ ރައްޔިތުންނަށް އަތްފޯރާވަރު ކޮށްދެއްވުމުގެ މަސައްކަތް، ސަރުކާރުގެ ބޭސް ސިޓީއަށް ސަލާން ޖެހުން ނައްތާލެއްވުމުގެ ވަޢުދުގެ ތެރެއިން ކުރައްވަމުން ގެންދަވާއިރު، ރަށުގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި މިއަހަރު އެ މަރުކަޒަކީ ޓެލެމެޑިސިންގެ ހިދްމަތް ގާއިމު ކުރެވިފައިވާ މަރުކަޒަކަށް ހައްދަވާނެ ކަމުގައި ވެސް ވިދާޅުވިއެވެ.