މިނިވަން ނޫހަށް ހަމަލާދިނުމާއި ނޫސްވެރިންނަށް މަރުގެ އިންޒާރު ދެމުންދާ މައްސަލާގައި މީޑިއާތަކުގެ ކަންބޮޑުވުން ހިއްސާ ކުރުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރާއެކު ނޫސްވެރިން ކުއްލި ބައްދަލުވުމެއް ބާއްވައިފި އެވެ.

އިސްކަންދަރު ބިލްޑިންގައި ރޭ ބޭއްވި އެ ބައްދަލުވުމުގައި ނޫސްވެރިން ކަންބޮޑުވުން ފާޅުކުރީ ނޫސްވެރިންނަށް ދިމާވާ އެކި ނުރައްކާތަކާ ގުޅޭ ގޮތުންނެވެ. އެގޮތުން އިންޒާރުގެ މެސެޖުތަކާއި ފޯން ކޯލުގެ ސަބަބުން ނޫސްވެރިންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި މަސައްކަތުގެ ދާއިރާއަށް އޭގެ އަސަރު ކުރަމުންދާ ކަމަށް ނޫސްވެރިން ފާހަގަ ކުރި އެވެ. އަދި އެފަދަ އިންޒާރުތަކަށް ބޯ ނުލަނބާ ނޫސްވެރިންނަށް ގޭންގުތައް މެދުވެރިކޮށް ޖިންމާނީ ގޮތުން ގެއްލުންތައް ދެމުންދާ ކަމަށާއި އެކަންކަން ހުއްޓުވުމަށް ހޯމް މިނިސްޓަރުގެ އަރިހުން ނޫސްވެރިން އެދުނެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ ސަރުކާރުން އަބަދުވެސް ނޫސްވެރިންނަށް ރައްކާތެރިކަން ދޭނެ ކަމަށާއި އެފަދަ ރައްކާތެރިކަން ދިނުމަށް މި ސަރުކާރު ފަހަތައް ނުޖެހޭނެ ކަމަށެވެ.

މިނިސްޓަރާ އެކު ރޭ ބޭއްވި ބައްދަލުވުމުގައި މީޑިއާތަކުގެ އިސްވެރިންނާ އެކު ގިނަ ނޫސްވެރިން ބައިވެރިވި އެވެ.

ނޫސްވެރިންނަށް ރައްކާތެރިކަން ދިނުމަށް އެދި މީޑީއާތަކުން ހޯމް މިނިސްޓަރާ ބައްދަލުކޮށްފައި ވަނީ މިނިވަން ނޫހުގެ ސީސީޓީވީ ކެމެރާ ހަލާކުކޮށްލައި އެ ނޫހުގެ ދޮރަށް އިއްޔެ ކަތިވަޅި ޖަހާފައި ވަނިކޮށެވެ. އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ.