ރައްކާތެރި އަމާން މުޖުތަމައުއެއް ގާއިމްކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ދަށުން ފާއިތުވި ހަފްތާގެ ތެރޭގައި 2000 އަށްވުރެ ގިނަ އުޅަނދު ބަލާފާާސްކޮށްފައިވާ ކަަމަށް ފުލުހުން ބުނެފި އެެވެ.

ފުލުހުން ބުނީ މިދިޔަ ހަފްތާތެރޭގައި މާލޭގައި ޓެރެފިކް ޗެކް ޕޮއިންޓްތައް ގާއިމްކޮށް ގިނަ އަދަދެއްގެ އެއްގަމު އިންޖީނުލީ އުޅަނދު ހުއްޓުވައި އެއްގަމު ދަތުރުފަތުރުގެ ގާނޫނާ އެއްގޮތަށް ކަންކަން ފުރިހަމަކޮށްފައިހުރިތޯ ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުގެ ފުލުހުންނާ މާލޭސިޓީ ފުލުހުންގެ އިތުރުން ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުންގެ މަސައްކަތުން 2236 އުޅަނދު ވޭތުވެދިޔަ ހަފްތާގައި ބަލައިފާސްކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

އެ މުއްދަތުގެ ތެރޭގައި 207 މީހަކު އެސަރަޙައްދުތަކުން ހުއްޓުވައި ބަލައިފާސްކޮށްފައިވާއިރު 868 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"ރޭގަނޑުގެ ވަގުތުތަކުގަ އާއި ދުވާލުގެ ވަގުތުތަކުގައި ވެސް ކަމެއް ނެތި މަގުމަތީގައި ތިބޭ ބައެއް މީހުންނާ ސުވާލުކޮށް ނަސޭހަތްދީ ހަދާފައިވެ އެވެ. ބަލައި ފާސްކުރަންޖެހޭ ތަންތަނާއި ވެހިކަލްތައް ބަލައި ފާސްކޮށްފައި ވެއެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.

މީގެއިތުރުން މާލޭގެ އެކި އެކި ސަރަޙައްދުތައް ބަލައި ފާސްކޮށް އެތަންތަނުގައި ހުރި ޖިނާއީ ކުށަށް މަގުފަހިވާ ކަންކަން ނައްތާލުމުގެ މަސައްކަތް ފުލުހުން ވަނީ ކޮށްފަ އެވެ. އޭގެތެރޭގައި ޖިނާއީ ކުށަށް މަގުފަހިވާފަދަ އަމަލުތައް ހިންގާ ތަންތަނާއި ޖިނާއީ ކުށްކުރުމަށް ބޭނުންކުރާ އާލާތް ރައްކާކުރާ ތަންތަންވެސް ހިމެނޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.