މިނިވަން ނޫހާއި ރާއްޖެ ޓީވީ ހުންނަ އިމާރާތުގައި ރޯކޮށްލާނެކަމުގެ އިންޒާރު ދީފައިވާތީ އެތަންތަން ހުންނަ އިމާރާތުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ މިނިވަން ނޫހާއި ރާއްޖެ ޓީވީ ހުންނަ އިމާރާތުގައި ރޯކޮށްލާނެކަމުގެ އިންޒާރުދީފައި ވާތީ އެތަންތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އަމަލުކުރާނެ ގޮތަކާމެދު އެތަންތަނުގެ ވެރިންނާ މާލޭ ސިޓީގެ ފުލުހުން މިރޭ ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ.

މިނިވަން ނޫހާއި ރާއްޖެ ޓީވީގެ ވެރިންނާއެކު ވަކިވަކިން މާލޭ ސިޓީގެ ފުލުހުން ބޭއްވި މިބައްދަލުވުމުގައި އެތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓައި ދިނުމުގައި އަމަލުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ދެފަރާތުން ވަނީ މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެ އިތުރުން އެތަންތަނުގައި ހުރި ތަކެއްޗާއި މީހުންނަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް އެފަރާތްތަކާއި ފުލުހުން ގުޅިގެން މަސައްކަތް ކުރަން ވަނީ އެއްބަސްވެފައެވެ.

އަދި އެއްވެސް ނުރައްކަލެއް ކުރިމަތިވެއްޖެނަމަ ފުލުހުންގެ ފަރާތުން ގުޅަންވީ ފަރާތްތައް ކަނޑައަޅައި މައުލޫމާތުތައް ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދެފަރާތުގައި އެދިފައެވެ.