އަލިފާން ރޯކޮށްފައިވާ ފުޅިއެއް އެއްލައިގެން، އެމްޑީޕީގެ އޮފީސް ހުންނަ އިމާރާތުގެ ތިރީ ބުރީގައި މިރޭ ރޯކޮށްލައިފި އެވެ.

މިވަގުތު އެ ސަރަހައްދު ގައި ހުރި ސަންގެ ނޫސްވެރިޔާ އަހްމަދު ސާއިލް ޢަލީ، މަންޒަރު ދުށް މީހަކާ ހަވާލާދީ ބުނީ، އެމްޑީޕީ އޮފީހުގައި ބަޔަކު ރޯކޮށްލީ އެތަނަށް ޕެޓްރޯލް ޖެހުމަށްފަހު، އެތަނުގެ ބިއްލޫރި ގަނޑު ތަޅާލައިގެން އެތެރެއަށް ރޯކޮށްފައިވާ ފުޅިއެއް އެއްލައިގެންނެވެ.

އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލާފައި -- ސަން ފޮޓޯ: އަޙްމަދު ޙަސަން

" މިރޭ 12:55 ކަންހާއިރު އެތަނަށް އައި ބަޔަކު ފުރަތަމަ އެމްޑީޕީގެ އޮފީހަށް ޕެޓްރޯލް ޖެހީ ކަމަށް މައުލޫމާދު ދިންމީހާ ބުނީ. ދެން ރޯކޮށްލީ ކަމަށް. ރޯކޮށްލަން އުޅުމުގެ ތެރޭގައި އެމީހާގެ ހެދުމުގައި ވެސް ކޮންމެވެސް ވަރަކަށް އަލިފާން ހިފި އެމީހާ ކިޔައިދިން. އެކަމަކު ރޯކޮށްލި މީހާ ވަނީ، އަލިފާން ޖެހުމަށްފަހު އެތާ ހުރި ހަނި ގޯޅިގަނޑެއްގެ ތެރެއަށް ވަދެ ފިލާފައި،" މައުލޫމާތު ދިން މީހާއާ ހަވާލާދީ ސާއިލް ކިޔައިދިނެވެ.

ފުލުހުން ބުނީ އެމްޑީޕީގެ އޮފީހުގައި ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އެމްޑީޕީ އޮފީހުގައި ރޯކޮށްލި އަލިފާން ނިއްވާލުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފަޔަމަނުން ހަރަކާތްތެރި ވަނީ -- ސަން ފޮޓޯ: އަޙްމަދު ޙަސަން

ސަންގެ ނޫސްވެރިޔާ ބުނީ، ހ. ޝަރާޝާގޭގެ ގްރައުންޑް ފްލޯގައި ހުންނަ އެމްޑީޕީގެ އޮފީހުގެ ރިސެޕްޝަންބައިގައި ރޯކޮށްލި އަލިފާން މިހާރު ނިއްވާލާފައި ވާކަމަށެވެ.
އެމްޑީޕީގެ އޮފީހުގައި އަލިފާން ރޯކޮށްލުމުން އެ ސަރަހައްދަށް މީހުން އެއްވެފައި -- ސަން ފޮޓޯ: އަޙްމަދު ޙަސަން

"މިހާރު އެތަން ވަނީ ނިއްވާލާފައި. އެތަނުގެ އެތެރޭގައި ކަރަންޓެއް ނެތް. ބައެއް ތަކެތި ވަނީ އަނދާފައި،" ސާއިލް ބުންޏެވެ.
އެމްޑީޕީ އޮފީސް ހުންނަ ސަރަހައްދުގެ މަގު ބަންދުކޮށްފައި -- ސަން ފޮޓޯ: އަޙްމަދު ޙަސަން