މިނިވަން ނޫސް ހިންގަމުން ގެންދާ އިމާރާތުގައި އަލިފާން ޖަހައި ރޯކޮށްލާނެ ކަމަށް ދިން އިންޒާރަކާ ގުޅިގެން އެ އިމާރާތުގައި އުޅޭ މީހުން ނެރެ ހުސްކޮށްފި އެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި މިނިވަން ނޫހުގެ އިދާރާގެ އިތުރުން މީހުން ދިރިއުޅޭ ތިން އެޕާޓްމަންޓު ހުންނަ ހ. ތިޔަރަ މޫ، އިން މިރޭ މީހުން ހުސްކުރީ އެ އިމާރާތުގައި ރޯކޮށްލާނެ ކަމަށް ކާކުކަން ނޭނގޭ ނަންބަރަކުން އިންޒާރު ދިނުމާ ގުޅިގެންނެވެ.

މިނިވަން ނޫހުގެ ޑެޕިއުޓީ އެޑިޓަރު ޒަހީނާ ރަޝީދު މިއަދު ސަން އަށް ވިދާޅުވީ އެ ނޫހުގެ ސެކިއުރިޓީ ބަލަހައްޓަން ހަރުކޮށްފައި ހުރި ކެމެރާ ވަގަށް ނަގައި އޮފީސް އިމާރާތުގައި ހުރި އެޕާޓްމަންޓަކަށް ވަޅިޖެހުމުން އެ ނޫހުގެ ނޫސްވެރިން ވަރަށް ބޮޑު ބިރުވެރިކަަމެއްގެ ތެރޭގައިވާ ކަމަށާއި އެ މައްސަލަ ބަލައި ދިނުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ނޫހުގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.