25 Sep 2014, 21:56
އިންޗިއޯން (25 ސެޕްޓެމްބަރ) – އޭޝިއަން ގޭމްސްގައި ވާދަކުރާ ގަތަރުގެ އަންހެން ބާސްކެޓްބޯޅަ ޓީމު ކުޅެން ޖެހޭ ދެވަނަ މެޗުވެސް ނުކުޅެ ދޫކޮށްލުމަށް ފަހު، ބުރުގާ އަޅައިގެން ކުޅުން މަނާކުރުމަކީ އިސްލާމް ދީނަށް ކުރި 'ފުރައްސާރަ'އެއް ކަމަށް އެ ޓީމުން ބުނެފި އެވެ.
ގަތަރުގެ އަންހެން ބާސްކެޓް ޓިމު 17 ވަނަ އޭޝިއަން ގޭމްސްގައި އެޓީމު ކުޅެންޖެހޭ ދެވަނަ މެޗުގައި މިއަދު ނޭޕާލާ ދެކޮޅަށް ނިކުމެފައި ނުވާއިރު، އެޓީމަށް ވަނީ އިއްޔެ މޮންގޯލިއާއާ ދެކޮޅަށް ކުޅެން އޮތް މެޗުވެސް ގެއްލިފައެވެ.
"މިއީ އަހަރެމެންނަށް ކޮށްފައިވާ ފުރައްސާރައެއް. އެމީހުން އަހަރެމެންގެ ދީނަށް ވެސް އިހްތިރާމް ނުކުރީ،" ގަތަރު ޓީމުގެ ފޯވާޑަށް ކުޅޭ، ރިފާޢަތު މަރުޖާން މުޙައްމަދު އޭއެފްޕީއަށް ބުންޏެވެ.
'ހިޖާބު' އަޅައިގެން ގަތަރު އަންހެން ބާސްކެޓް ޓީމުގެ މެދުތެރެއަށް ކުޅޭ އެޓީމުގެ ކެޕްޓަން، އާމާލް މުޙައްމަދު ޞާލީހު ބުނީ، ޖޫޑޯ، ކަރާޓޭ ފަދަ ކޮމްބަޓް ކުޅިވަރުތަކުގައި ވެސް، ބުރުގާ ހުއްދަކޮށްފައިވާއިރު، ބާސްކެޓުގައި ބުރުގާ އެޅުން މަނާކުރުމަކީ ބޯގޯސް ވާހަކަތަކެއް ކަމަށެވެ.
"އަހަރެމެން ތިބީ މެޗަށް ފުރިހަމައަށް ތައްޔާރުވެގެން. އެކަމަކު ސްޓޭޑިއަމަށް ދިޔައިމަ އަހަރެމެންނަށް ހައިރާންކަމެއް ލިބިގެން ދިޔައީ ބުރުގާ އަޅައިގެން ނުކުޅެވޭނޭ ކަމަށް އެންގުމުން. މިއީ ވަރަށް ބޮޑު ފުރައްސާރައެއް،" އުމުރުން 34 އަހަރުގެ އާމާލު ބުންޏެވެ. "ކޮން ސަލާމަތީ މައްސަލަތަކެއް؟ ޖޫޑޯ ކަރާޓޭ، އަދި ހޭންޑްބޯލް ވެސް ފަދަ ކުޅިވަރުތަކަކީ ބާސްކެޓްބޯޅައަށް ވުރެ މާ ވަޔަލެންޓް ކުޅިވަރުތައް. ބާސްކެޓްބޯޅައިގައި ކިތަންމެ ކުޑަކޮށް ކޮންޓެކްޓް ވިޔަސް އެބަ ފައުލްވޭ. އެހެންވީމަ ކޮން ސޭފްޓީ އިޝޫތަކެއްގެ ވާހަކައެއް އެމީހުން އެ ދައްކަނީ؟"
މެދުއިރުމައްޗަށް ނިސްބަތްވާ ގަތަރުގެ އަންހެން ބާސްކެޓް ޓީމުން ދަނީ، އިންޓަނޭޝަނަލް ބާސްކެޓްބޯލް ފެޑެރޭޝަން (ފީބާ)އިން ބުރުގާ އަޅައިގެން ކޯޓަށް އެރުން މަނާކޮށްފައި ވާތީ އެ ނިންމުމާ ދެކޮޅަށް ވަރަށް ބޮޑަށް އަޑުއުފުލަމުންނެވެ. އަދި އެޓީމުން ވަނީ ބުރުގާ ހުއްދަ ނުކުރާ ނަމަ، މާދަމާ ކަޒަކްސްތާނާ ދެކޮޅަށް ކުޅެން އޮތް މެޗުވެސް ނުކުޅެ ދޫކޮށްލާނޭ ކަމަށް ބުނެފައެވެ.
ގަތަރު ޓީމުގައި ބުރުގާ އަޅައިގެން ކުޅޭ ފަސް ކުޅުންތެރީންނާއި ބުރުގާ ނާޅައި ކުޅޭ ހަ ކުޅުންތެރީން ތިބިއިރު އެޓީމުގެ މެދުތެރެއަށް ކުޅެމުން އަންނަ އުމުރުން 28 އަހަރުގެ އާމާލް މުޙައްމަދު އައްވަދު ވަނީ، ފީބާއިން ގޮތްދޫނުކޮށް ހިފަހައްޓައިފި ނަމަ މެދުއިރުމަތީގައި އަންހެނުންގެ ބާސްކެޓްބޯޅަ ނެތިގެން ހިނގައިދާނެ ކަމުގެ އިންޒާރު ދީފައެވެ.
"އަހަރެންވާނީ ކަމާބެހޭ ފަރާތްތަކުގައި އެދިފައި، ހިޖާބު އަޅައިގެން ކުޅުން ހުއްދަ ކޮށްދިނުމަށް. އަރަބި އެތައް ގައުމެއް ބާސްކެޓްގފައި ބައިވެރިވާން ބޭނުންވެފައި ތިބި ނަމަވެސް އެމީހުން މި ކުޅިވަރުގައި ބައިވެރިވުމަށް ފަސްޖެހިފައި ވަނީ، ފީބާގެ މި ނިންމުމުގެ ސަބަބުން،" އޭނާ ބުންޏެވެ.
މިފަހަރުގެ އޭޝިއަން ގޭމްސްގެ 'ސްލޮގަން'އަކަށް 'ޑައިވާސިތީ ޝައިންސް ހިޔާ' ބޭނުންކޮށްފައިވާއިރު، ގަތަރު ޓީމުން ބުނެފައިވަނީ، ބުރުގާ މަނާކުރުމުގެ ސަބަބުން އޮލިމްޕިކް ގައި ބޭނުންކުރާ ތަފާތު ސަގާފަތްތަކާއި ދީންތަކަށް އިހްތިރާމު ކުރުމަށްވެސް ގަވާއިދުތަކާވެސް ފުށުއަރާ ކަމަށެވެ.
ގަތަރުގެ މި ޝަކުވާތަކަށް ފީބާއިން މިހާތަނަށް އަދި ބަހެއް ބުނެފައި ނުވާއިރު، ފުޓްބޯޅައާއި އެނޫންވެސް އެތައް ކުޅިވަރުތަކެއްގައި ބުރުގާ ހުއްދަކޮށްފައި ވުމުން ބައިނަލްއަގްވާމީ ބާސްކެޓްބޯޅަ އިދާރާއަށް ތަފާތު ގޮންޖެހުންތަކާއި ޕްރެޝަރުތައް ދަނީ ކުރިމަތި ވަމުންނެވެ.
އޭޝިއާގެ އޮލިމްޕިން ކައުންސިލުން ގަތަރުޓީމުގެ ނިންމުމަށް ތާއީދު ކުރާ ކަމަށް ބުނެވައި ވާއިރު، އިންޗިއޯން އޭޝިއަން ގޭމްސްގެ ތަރުޖަމާނު ޕާކް ޑަލްވާ ވިދާޅުވީ، އެކަންތައްތައް ހައްލުކުރާން ޖެހޭނީ ކުޅިވަރު ފެޑެރޭޝަން ތަކުން ކަމަށެވެ.