މިނިވަން ނޫހުގެ އިދާރާގެ ސީސީޓީވީ ކެމެރާ ހަލާކުކޮށްލައި އެ އޮފީސް ހުނަނަ އިމާރާތުގެ ދޮރަކަށް ވަޅިޖެހި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މިނިވަން ނޫހަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި މިރޭ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ސަރުކާރުން ގާނޫނު ދަމަހައްޓާނެ ކަމަށެވެ.



ފުލުހުންގެ މީޑިއާ އޮފިޝަލް މރޭ ސަން އަށް ވިދާޅުވީ އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި ނަމަވެސް އެކަމުގެ އިތުރު ތަފްސީލް މިވަގުތު ދެވެން ނެތް ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މިނިވަން ނޫޙުގެ ޑެޕިއުޓީ އެޑިޓަރު ޒަހީނާ ރަޝީދު ވިދާޅުވީ އެ ހަމަލާއަށް ފަހު އެ ނޫހުގެ ނޫސްވެރިން ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. އަދި އެ މައްސަލަ ބަލައި ދިނުމަށާއި އެ ނޫހުގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.