ގައުމީ ޔުނިވަސީޓީ ވަރަށް އަވަހަށް އުފައްދައި އެ ޔުނިވާސިޓީގެ ޗާންސެލާގެ މަގާމަށް އައްޔަންކުރާނެ ބޭފުޅަކާ މެދު ވިސްނަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް މިއަދު ދެއްވި ރޭޑީއޯ ހިތާބުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ގައުމީ ޔުނިވާސިޓީގެ މަގުސަދާއި މަސްއޫލިއްޔަތުތަކާއި ބާރުތައް އެކަށައަޅާފައިވާ ގައުމީ ޔުނިވަސިޓީގެ ބިލް، މި މަހުގެ 17 ވަނަ ދުވަހު ތަސްތީގު ކުރެއްވުމާ އެކު، ގިނަވެގެން 30 ދުވަހުގެ ތެރޭ ގައުމީ ޔުނިވަސީޓީ އުފައްދަން ޖެހޭ ކަމަށެވެ. ރައީސް ވިދާޅުވީ ގައުމީ ޔުނިވަސީޓީ އުފެއްދުމުގެ މަސައްކަތްތައް ސަރުކާރުން ކުރަމުންދާ އިރު، "ޔުނިވާސިޓީގެ ޗާންސެލާގެ މަގާމަކީ ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސާ މަގާމެއް" ކަމަށާއި "އެ މަގާމަށް ހަމަޖައްސާނެ ބޭފުޅަކާ ދޭތެރޭ އަޅުގަނޑު މިދަނީ ވިސްނަމުން" ކަމަށެވެ.

"އިރާދަކުރެއްވިއްޖެއްޔާ ވަރަށް އަވަހަށް އެ ޔުނިވަސިޓީ ސަރުކާރުން އުފައްދާނެ." ރައީސް މިއަދު ދެއްވި ދެ މިނިޓްގެ ރޭޑިއޯ ހިތޯބުގައި ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އަންނަ އަންގާރަ ދުވަސް ތާރީހުގޮތުން ފާހަގަ ކުރެވިގެންދަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ ރަށެއްގައި ފުރަތަމަ ފަހަރަށް ކެބިނެޓް ޖަލްސާއެއް ބޭއްވޭ ދުވަސް ކަމަށެވެ. އަދި ހދ. ކުޅުދުއްފުށީގައި ބާއްވާ ކެބިނެޓް ޖަލްސާގެ ތައްޔާރީތައް މިހާރު ހިނގަމުންދާ ކަމަށާއި ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާ ކުރާނީ މަތިއުތުރު ޕްރޮވިންސްގައި ސަރުކާރުން ހިންގުމަށް ނިންމާފައިވާ މަޝްރޫއުތަކާ ގުޅޭ ގޮތުން ކަމަށް ރައީސް ވިދާޅުވި އެވެ.
“އެކަމާ ބެހޭ ތައްޔާރީތައް މިހާރު ދަނީ ހިނގަމުން. އެދުވަހުގެ ޖަލްސާގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވޭނީ މަތިއުތުރު ޕްރޮވިންސްގައި ހިންގުމަށް ސަރުކާރުން ރާވާފައިވާ މަޝްރޫއުތަކާ ބެހޭ ގޮތުން." ރައީސްގެ 83 ރޭޑީއޯ ހިތާބުގައި ވިދާޅުވި އެވެ.