25 Sep 2014, 19:49
ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާއިން އެއްވެސް ފަރާތަކަށް ދައްކަން ޖެހޭ ދަރަންޏެއް މިހާރު ނޯންނާނެ ކަމަށާއި، ބަޖެޓް ފާސްކުރެވިއްޖެ ނަމަ، ކްލަބުތަކަށް ދޫކުރަން ޖެހޭ ފައިސާ ވެސް އަންނަ ހަފްތާގެ ތެރޭގައި ކްލަބު ތަކަށް ހަވާލު ކުރެވޭނެ ކަމަށް އެފްއޭއެމްގެ ރައީސް އިލްހާމް އަހްމަދު ވިދާޅުވެއްޖެ އެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މިއަދު ބޭއްވި އެފްއޭއެމްގެ ހަވަނަ އަހަރީ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން އިލްހާމް ވިދާޅުވީ، މިއަހަރު ދިރާގު ދިވެހި ލީގު ކުޅުމަށް ލިބުނީ މަދު އަދަދެއްގެ ފައިސާ ކޮޅެއް ކަމުގައި ވިޔަސް ފާއިތުވެ ދިޔަ އަހަރު ތަކާ އަޅައިބަލާއިރު މިފަހަރު ކްލަބުތަކަށް ބޮޑު އަދަދެއް ދޭން ނިންމާފައިވާ ކަމަށެވެ.
"ދިރާގު ދިވެހި ލީގަށް އަޅުގަނޑު މެންނަށް ލިބުނީ ޖުމްލަ ފަސް ލައްކަ ރުފިޔާ. އެހެން ނަމަވެސް ކުރީގެ އަދަދަށް ވުރެ ބޮޑު އަދަދެއް ދޭން މިފަހަރު ވާނީ ނިންމާފައި. އެ ފައިސާ މިއަންނަ ހަފްތާ ތެރޭގައި ހުރިހާ ކްލަބުތަކަށް ދީ ހުސްކޮށްލަން އަޅުގަނޑުމެން ނިންމާފަ އިންނާނީ،" އިލްހާމް ވިދާޅުވި އެވެ.
އިލްހާމް ވިދާޅުވީ، އެފްއޭއެމްގެ ކުރީގެ މެނޭޖްމަންޓަށް ފައިސާގެ ގޮތުން ދަތިތަކެއް ކުރިމަތިވެ އެފްއޭއެމް ދަރަނިވެރި ވެފައިވީ ނަމަވެސް މިހާރު އެ އިދާރާއިން އެއްވެސް ފަރާތަކަށް ދައްކަން ޖެހޭ ދަރަންޏެއް ނޯންނާނެކަމަށެވެ.
"ފައިސާ ރައްކާކުރުމުގެ މައްސަލަ ތަކާ އޮތީ ކުރިން ލާން ޖެހިފައި. އެހެންނަމަވެސް އަޅުގަނޑު ފަހުރުވެރިކަމާއެކު މިބުނަނީ އެފްއޭއެމްގައި އަޅުގަނޑުގެ މިދައުރުގައި ނުހުންނާނެ އަޅުގަނޑު ދައްކަން ޖެހޭ އެއްވެސް ދަރަންޏެއް،" އެފްއޭއެމްގެ ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އދ. ދަނގެތީ ދާއިރަގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ އިލްހާމް ވިދާޅުވީ، ކުރިން އެފްއޭއެމް ދަރަނިވެރިވަފައި ވަނީ އޭރުގެ މެނޭޖުމުންޓުގެ މައްސަލައަކާ ހެދި ނޫން ކަމަށެވެ. އެހެން ނަމަވެސް އެއީ ހާލަތުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭރު އަޅުގަނޑުމެންގެ އެފްއޭއެމްގެ ހާލަތު ހުރި ގޮތުން ނަމަވެސް އަދި ދައުލަތުން ލިބޭ ފައިސާގެ ގޮތުން ނަމަވެސް އޭގެ އިތުރުން ފީފާ އަދި އޭފްސީގެ މަދަދާއި އެހީތެރިކަން ހުރިގޮތުންނަމަވެސް ލިބޭ ފައިސާ 'ރަން' ކުރުމުގެ ދަތިތަކާ ކުރިމަތި ލާން ޖެހުން." އިލްހާމް ވިދާޅުވި އެވެ.