25 Sep 2014, 17:59
މިނިވަންނޫހުގެ އިދާރާގެ ސީސީޓީވީ ކެމެރާ ހަލާކުކޮށްލައި އެތަނުގެ ދޮރަށް ކަތިވަޅިއެއް ޖަހައިފައި ވަނީ ނޫސްވެރިންނަށް ބިރުދެއްކުމުގެ ގޮތުން ކަމަށް މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފިއެވެ.
އެމްޖޭއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިނިވަން ނޫހުގެ އިދާރާގެ ސީސީޓީވީ ކެމެރާ ހަލާކުކޮށްލައި އެތަނުގެ ދޮރަށް ކަތިވަޅިއެއް ޖަހައި ހިންގި އަމަލު އެ ޖަމްއިއްޔާ އިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެ ޖަމްއިއްޔާ އިން ވަނީ ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިފަ އެވެ.
"މިނިވަން ނޫހަކީ ވެސް ރާއްޖޭގައި ނޫސް މަޖައްލާގެ ދަފްތަރުގައި ރަޖިސްޓަރީކޮށްގެން ނެރޭ ނޫހެއްގެ އިތުރުން، ނޫހަކުން ފާޅުކުރާ ޚިޔާލެއްގެ ސަބަބުން، ހިތްހަމަ ނުޖެހުމަކީ އެނޫހެއްގައި މަސައްކަތް ކުރާ ނޫސްވެރިންނާއި އެނޫހެއް ހިންގާ އިމާތަށާއި ތަކެއްޗަށް ގެއްލުންދޭން ޖެހޭ ކަމެއް ނޫނެވެ،" އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ވަނީ ނޫސްވެރިންނަށް މިނިވަންކަމާ އެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަކީ ހުރިހާ ފަރާތްތަކެއްގެ ޒިންމާއެއް ކަމަށެވެ. އަދި އެފަދަ މާހައުލެއް ގާއިމް ކުރެވިފައިވާކަން ކަށަވަރުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް އެ ޖަމްއިއްޔާ އިން ވަނީ ގޮވާލާފަ އެވެ.
މިނިވަން ނޫހުގެ ޑެޕިއުޓީ އެޑިޓަރު ޒަހީނާ ރަޝީދު މިއަދު ސަން އަށް ވިދާޅުވީ އެ ނޫހުގެ ސެކިއުރިޓީ ބަލަހައްޓަން ހަރުކޮށްފައި ހުރި ކެމެރާ ވަގަށް ނަގައި އޮފީސް އިމާރާތުގައި ހުރި އެޕާޓްމަންޓަކަށް ވަޅިޖެހުމުން އެ ނޫހުގެ ނޫސްވެރިން ވަރަށް ބޮޑު ބިރުވެރިކަަމެއްގެ ތެރޭގައިވާ ކަމަށާއި އެ މައްސަލަ ބަލައި ދިނުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ނޫހުގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.