25 Sep 2014, 17:35
އައިފޯނު ހައެއް ލެނބޭ ކަމަށް ބުނާ ވާހަކަ ތަކާއި އޭގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެފައި ވަނިކޮށް، އެޕަލް އިން ދާދި ފަހުން ނެރުނު އައިއޯއެސް އަށެއްގެ ވެސް ބޮޑެތި މައްސަލަތަކެއް ހުރިކަމަށް ފާހަގަ ވެއްޖެ އެވެ. އެ ގޮތުން އެންމެ ސީރިއަސް އެއް މައްސަލައެއް ކަމަށް ފާހަގަ ވެފައި ވަނީ އެޕަލްގެ އާ އައިފޯން ބޭނުންކުރާ މީހުންގެ ފޯނުކޯލުތައް އާ ސޮފްޓްވެއާ އައިއޯއެސް އަށަކުން ބްލޮކް ކުރާ ކަމަށް ބުނެ ކުރަމުންދާ ޝަކުވާ ތަކުގެ މައްސަލަ އެވެ.
މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައި އެޕަލް އިން ވަނީ ފޯނު ބޭނުންކުރާ ފަރާތްތަކަށް ކުރީގެ އޯއެސް އަށް އަލުން ރުޖޫއަ ވެވޭނޭ ގޮތް ދައްކައިދީފަ އެވެ. އައިފޯނު މެކް ނޫނީ ވިންޑޯސް ކޮންޕިއުޓަރަކަށް ގުޅައި ފައިލެއް ޑައުންލޯޑް ކޮށްގެން އެކަން ކުރެވިދާނެ އެވެ. އެޕަލްއިން ވަނީ އިރުޝާދުތަކާ އެކު ވެބްޕޭޖެއް ވެސް ހުށަހަޅާފަ އެވެ.
އެޕަލްގެ އާ އޯއެސް ބުދަ ދުވަހު ދޫކުރަން ފަށައިފައި ވަނީ މިދިޔަ ހަފުތާގައި އައިފޯން އަދި އައިޕެޑަށް ދިމާވަމުން ދިޔަ މައްސަލަތަކެއް ހައްލުކޮށްފަ އެވެ. ނެރުނުތާ މަދު ގަޑިއިރު ތަކެއް ފަހުން އެޕަލް އިން ވަނީ މިއައިއޯއެސް އަނބުރާ ގެންގޮސްފަ އެވެ.
ފޯނު ބޭނުންކުރާ ފަރާތްތަކަށް އެމީހުން ބޭނުން ނަމަ އަދިވެސް އަޕްޑޭޓް ޑައުންލޯޑް ކުރެވިދާނެ އެވެ. އެޕަލް އިން ބުނާ ގޮތުގައި އެޕަލް ބެނުންކުރާ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ވަނީ މިއަޕްޑޭޓް ޑައުންލޯޑް ކޮށްފަ އެވެ. އަދި ވަރަށް އަވަހަށް މައްސަލަ ހައްލުކޮށް އައިއޯއެސް 8.0.2 ނެރޭނެ ކަމަށް އެޕަލް އިން ވަނީ ބުނެފަ އެވެ.
ޓެކްނޮލޮޖީއާ ބެހޭ ބައެއް ބްލޮގް ތައް ބުނާ ގޮތުގައި އެޕަލްގެ މި އަޕްޑޭޓްގެ މައްސަލަ ޖެހެނީ ފަހުގެ ފޯނުތަކުގަ އެވެ. އަލަށް ސޮފްޓްވެއާއެއް ނެރޭއިރު މިފަދަ ކުދިކުދި މައްސަލަތައް ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެމީހުން ބުނެ އެވެ.
އައިފޯން ހައެއް ޕްލަސްގެ އެލްމިނިއަމް ތޮށިގަނޑު ލެނބޭ ކަމަށް ބުނެ މީގެ ދެދުވަހެއް ކުރިން ސޯޝަލް މީޑިއާގައި ވަނީ ރިޕޯޓުކޮށްފަ އެވެ. ޖީބުގައި އޮއްވައި ފޯނު ލެނބުނު ކަމުގެ ރިޕޯޓުތަކެއް ވެސް މީގެ ތެރޭގަައި ވަނީ ފާހަގަވެފަ އެވެ. ސްކްރީންގައި 5.5 އިންޗި ހުންނަ އައިފޯން ހައެއް ޕްލަސް އެހެން އައިފޯނު ތަކަށް ވުރެ ދިގުވެފައި ތުންޏެވެ.
ޝަކުވާތައް އާންމުވެފައި ވަނީ ކިހާ ވަރަކަށް ކަން ސާފުނުވާ އިރު، މީހަކު ދެއަތުން ބާރުލައި އައިފޯނެއް ލަންބާލާތަން ދައްކާ ވީޑިއޯއެއް ވެސް ޔޫޓިއުބް ގައި ވަނީ އާންމުވެފަ އެވެ.
ސެންފްރެންސިސްކޯގެ އިލެކްޓްރޯނިކްސް އަށް އިތުރު ރައްކާތެރި ވަސީލަތްތައް ވިއްކާ ކުންފުންޏަކުން ދާދިފަހުން ވަނީ "ބްރޭކަބިލިޓީ" ނުވަތަ ހަލާކުވުމުގެ މިންވަރު ބެލުމުގެ ޓެސްޓަކުން އައިފޯން ހައެއް އަދި ހައެއް ޕްލަސް އަށް ވަރަށް މަތިން ރޭޓިން ދީފައެވެ. ނަމަވެސް މިޓެސްގައި ފޯނު ލެންބުން ހިމެނިފައެއް ނުވެއެވެ.
ސްކޮޔާ ޓްރޭޑްގެ ޗީފް މާކެޓިންގް އޮފިސާ، ޓައި ޝޭ، އައިފޯނުގެ މި ހަބަރުތަކަށް ފަހު އޭނާގެ ދެ މުވައްޒަފަކު ލައްވައި ފޯނު ލެންބޭތޯ ޓެސްޓު ކުރިއެވެ. އެތަނުން ފިރިހެން މުވައްޒަފަށް ވީޑިއޯގައި ދައްކާ ފަދައިން ފޯނު ލަންބައިލެވުނެވެ. ނަމަވެސް އަންހެން މުވައްޒަފަށް އެކަމެއް ނުވިއެވެ. ލަންބާފައިވާ ފޯނު ވެސް ބަރާބަރަށް މަސައްކަތް ކުރެ އެވެ.
ޝޭ ދެކޭގޮތުގައި ލެނބުމަކީ މާބޮޑު މައްސަލައެއް ނޫނެވެ. އައިފޯން ހައެއް ޕްލަސްއާ ބެހޭ ގޮތުން ޝޭ ބުނެފައި ވަނީ، "އެއީ ގިނަ ދުވަހަށް ގެންގުޅެވޭނެ ފޯނެއް. އެހެން ނަމަވެސް މިއިވޭ ވާހަކަތަކަށް އަހަރެމެން ވެސް ބަލާނަން."
އައިފޯނު ހައެއް ޕްލަސް ލެނބުމާ ގުޅޭގޮތުން އެޕަލްއިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.