25 Sep 2014, 17:29
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ރިފޯމް ކުރުމަށްޓަކައި މަގު ޗާޓެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް އެ އެސޯސިއޭޝަންގެ ރައީސް އިލްހާމް އަހްމަދު ވިދާޅުވެއްޖެއެވެ.
ޕެރަޑައިސް އައިލެންޑު ރެޒޯޓުގައި މިއަދު ކުރިއަށް ދިޔަ އެފްއޭއެމްއެގެ އަހަރީ ކޮންގްރެސް ގައި ވާހަކަފުޅު ދައްކަވަމުން އިލްހާމް ވިދާޅުވީ އެފްއޭއެމް ރިފޯމް ކުރުމުގެ މަސައްކަތް މާދަމާ ފައްޓަވާނެ ކަމަށާއި އެކަން ކުރުމަށް ހަމަޖެހިފައި ވަނީ މަގުޗާޓެއް އެކުލަވާލައިގެން ކަމަށެވެ. އަދި އޭއެފްސީއާ ވާހަކައްކައިގެން މަގުޗާޓު އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އިލްހާމް ވިދާޅުވިއެވެ.
"އެފް އޭއެމް ރިފޯމް ކުރުމުގެ މަސައްކަތް މާދަމާ އިން ފެށިގެން އަޅުގަނޑު ފައްޓާނެ ކަމުގެ ޔަގީންކަން ތިޔަ ލޮބުވެތި މެމްބަރުންނަށް އަރުވަން. ރިފޯމްގެ މަސައްކަތް ފެއްޓުމަށް އޭއެފްސީއާ ވާހަކަދައްކާ އަޅުގަނޑުމެން މަގުޗާޓެއްގެ މަސައްކަތް މިހާރު ކުރަމުން މިދަނީ. އެގޮތުން އަޅުގަނޑުމެން މިހާރުވާނީ ވާހަކަ ދައްކާފަ އިސްވެރިންނާވެސް،" އިލްހާމް ވިދާޅުވިއެވެ.
ރިފޯމް ކުރުން ކަހަލަ ބޮޑެތި މަސައްކަތް ކުރުމުގައި އެހެން ފަރާތްތަކުގެ މެދުގައި މަޝްވަރާ ކުރައްވާފައިވާނެ ކަމަށާއި އެ މަޝްވަރާތަކުގައި އޭނައާ ޚިޔާލުތަފާތުވި ފަރާތްތަށް ސަސްޕެންޑު ނުކުރާނެ ކަމަށް ވެސް އިލްހާމް ވިދާޅުވިއެވެ.
"އެގުތުން [ރިފޯމް ކުރުމާއި ގުޅޭގޮތުން] އަޅުގަނޑުމެން ވާނީ ކްލަބު ތަކުގެ އިސްވެރިންނާ ވާހަކަ ދައްކާފައި. އެގޮތުން އެއް ބޭފުޅެއް އަލީ ވަހީދަކީވެސް. ހިޔަލީ މުހައްމަދު ރަޝީދުވެސް އަދި ހުރިހާ ބޭފުޅުންވެސް 'އެކޮމަޑޭޓު' ކޮށްގެން އަޅުގަނޑާ ޚިޔާލު ތަފާތު ވުމަކީ މީގެ ތެރެއިން ގެއްލިގެން ދާން ޖެހޭނެ [އެސޯސިއޭޝަން ދޫކޮށް ދާންޖެހޭ] ސަބަބެއް ކަމުގައެއް އަޅުގަނޑު ނުދެކެން. އަޅުގަނޑާ ޚިޔާލު ތަފާތުވާ ކޮންމެ މީހަކީ ފުޓުބޯޅައިން ސަސްޕެންޑު ވާން ޖެހޭ މީހެއް ކަމަށްވެސް އަޅުގަނޑޫ ގަބޫލެއް ނުކުރަން. އަޅުގަނޑާ ޚިޔާލު ތަފާތުވާ ކޮންމެ މީހަކީ ކޮންގްރެސް އަށްވެސް ނާދެވޭނެ މީހެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އިލްހާމް ވިދާޅުވިއެވެ.
އެޖެންޑާ ފާސްކުރަން ކްލަބުތަކުން ދެކޮޅުހެދުމާއެކު އެފްއޭއެމްގެ ކޮންގްރެސް މިއަދު ވަނީ ހުއްޓާލާފައެވެ. ކޮންގްރެސް ވަނީ މިޔަދު ހުއްޓާލާފައެވެ. ކޮންގްރެސް ހުއްޓާލާފައި ވަނީ އެފްއޭއެމްގެ ރައީސް އިލްހާމާއި ނައިބު ރައީސް އަބްދުލް މުހްސިން ހަމީދާމު (ޖޭފޯ)ގެ އިތުބާރު ނެތްކަމަށް 18 ކްލަބަކުން ހުށަހެޅި މައްސަލަ އެޖެންޑާގައި ހިމަނާފައިނުވާތީ ކްލަބުތަކުން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރުމުންނެވެ.