25 Sep 2014, 17:23
މާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވީ ޗައިނާގެ ފަތުރުވެރިޔާ ސްރީލަންކާގައި މަރުވެއްޖެ އެވެ.
ސަން އެނގިފައިވާ ގޮތުގައި އޭނާ މަރުވީ ސްރީލަންކާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
ޗައިނާގެ އެމީހާ ޒަހަމްވީ މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި މެދު ޒިޔާރަތްމަގުގައި ހިނގި އެކްސިޑެންޓެއްގަ އެވެ. އެމަގުން އިރުން ހުޅަނގަށް ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލަކުން އޭނާގެ ގައިގައި ޖެހުމުގެ ސަބަބުން އޭނާގެ ބޮލުގެ ނާޝިގަނޑުގައި ރެނދެއްލާފައިވާ ކަމަށް އޭރު އޭނާ އަށް ފަރުވާދިން އޭޑީކޭ ހޮސްޕިޓަލުން ބުންޏެވެ. އަދި ޖެހިގެން އައި ދުވަހު އޭނާ ވަނީ އިތުރު ފަރުވާ ދިނުމަށް ސްރީލަންކާ އަށް ފޮނުވާލާފަ އެވެ.
އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު އައްފާލު އެދުވަހު ސަން އަށް ވިދާޅުވީ އެ އެކްސިޑެންޓްގައި އަނިޔާވި 50 އަހަރުގެ މީހާ ލަންކާ އަށް ފޮނުވާލީ ހޮސްޕިޓަލުން ފަރުވާދެވެން ނެތިގެން ޑޮކްޓަރުންގެ ލަފާދެއްވީމާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކްސިޑެންޓްގެ ސަަބަބުން އެ މީހާގެ ބޮލުގެ ނާށިގަނޑުގައި ރެނދުލައި ބޮލުގެ ތެރެއަަށް ލޭފައިބަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިންޓާނަލް ބްލީޑެއްގެ އިތުރުން ނާށިގަނޑުގައި ފްރެކްޗާއެއް ހުރުމުގެ ސަބަބުން އޭނާ ބޭރަށް ފޮނުވާލީ މިތަނުން ފަރުވާދެވެން ނެތިގެން،" އައްފާލް ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅިގެން އުމުރުން 19 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ ވަނީ ބުނެފަ އެވެ.