ކޮންސްޓުރަކްޝަން ކުންފުނިތަކުގެ ޖަމިއްޔާ، މަސީގެ މެމްބަރު ކުންފުނިތަކުގެ ތެރެއިން ސަރުކާރުގެ ޕްރޮޖެކްޓްތައް ލިބޭ ކުންފުނިތަކަށް ކޮންސްޓުރަކްޝަން މެޓީރިއަލް އެސްޓީއޯ އިން ސަޕްލައިކޮށް ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސްޓީއޯގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓާ އާދަމް އާޒިމެވެ. މަސީގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ނައިބް ރައީސް އަލާއު އަލީ އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ އާދަމް އާޒިމް ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ކޮންސްޓުރަކްޝަން ދާއިރާ އަށް ހަލުވިކަމެއް އަންނާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

"ކޭޝްފުލޯގެ ދަތިކަން އެބަހުރި ހުރިހާ ކުންފުނިތަކަށް ވެސް، އެހެން ކަމުން މިދަތިތަކުން އަރައިގަތުމަށް ސަރުކާރުގެ އެހީތެރިކަން ލިބުމަކީ އިތުރު ހިތްވަރަކަށް ވެގެންދާނެ،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އެ އެއްބަސްމުގެ ދަށުން ސަރުކާރުގެ ޕްރޮޖެކްޓަކަށް އެސްޓީއޯގެ ފަރާތުން މެޓީރިއަލް ފޮނުވައިދޭ އިރު އެތަކެއްޗަށް ކުންފުނިތަކުން ފައިސާ ދައްކަން ޖެހޭނީ 90 ދުވަހުގެ ތެރޭގައި ކަމަށެވެ.

އާޒިމް ވިދާޅުވީ އެސްޓީއޯގެ އަމާޒަކީ އަގުހެޔޮކޮށް ތަކެތި ފޯރުކޮށްދިނުން ކަމަށާއި އެ އެއްބަސްވުމުގެ ދަށުން ވެސް އަމަލުކުރާނީ އެ އުސޫލްގެ މަތިން ކަމަށެވެ.

މަސީގެ ނައިބް ރައީސް އަލާއު ވިދާޅުވީ ކޮންސްޓުރަކްޝަން ދާއިރާ އަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އެ އެއްބަސްވުމުގެ ދަށުން ހައްލުތަކެއް އަންނާނެ ކަމަށެވެ. މިކަމުގެ ފައިދާ ނަގައި ކޮންސްޓުރަކްޝަން އިންޑަސްޓްރީގައި ނުނިމި ހުރި މަސައްކަތްތައް އަވަހަށް ނިމިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.