25 Sep 2014, 17:07
އުރީދޫގެ އެހީތެރިކަމާ އެކު އެސްޓީއޯގެ ހުރިހާ ބޭސްފިހާރަތައް އެއް ނެޓްވޯކަކުން ގުޅާލައި އެސްޓީއޯއާ އެކު ޕާޓްނާޝިޕް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
އެސްޓީއޯ ހެޑްއޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕާޓްނާޝިޕް އެގްރީމެންޓުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ. އުރީދޫގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ ސީއީއޯ ވިކްރަމް ސިންހަ އެވެ.
ސޮއިކުރެއްވުމަށްފަހު މީޑިއާ އަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާޒިމް ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ހުރިހާ ރަށެއްގެ އެސްޓީއޯ ބޭސްފިހާރަތައް ގުޅިގެންދާ އިރު އެކަން ކޮށްދީފައި ވަނީ ވަރަށް ކުޑަ އަގެއްގައި ކަމަށެވެ. އަދި އޭގެ ސަބަބުން އެސްޓީއޯގެ ހުރިހާ ބޭސްފިހާރަތަކެއް ގުޅިގެންދާ އިރު ބޭނުން ގަޑިއެއްގައި ހުރިހާ މައުލޫމާތެއް ބަލާލެވޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.
"ޓެކްނޮލޮޖީ އައުމުން މަސައްކަތްތަކަށް ފަސޭހަވެ މަސައްކަތްތައް ކުރަން ފަސޭހަވާން ޖެހޭނެ. އުރީދޫ އިން މިއަދު މިވަނީ އަޅުގަނޑުމެންނާ އެކު ދިވެހި ރައްޔިތުންނަށް އެ އުފާ ހޯދާދީފައި. މިހާރު ބޭސްފިހާރަ އަކަށް ސްޓޮކެއް ވަނަސް މަދުވިޔަސް ބޭނުން ގަޑިއެއްގައި އެ ހުރިހާކަމެއް އަޅުގަނޑުމެންނަށް ބަލާލެވޭނެ. މިހާރު ވެސް 20 ފާމަސީއެއް މިވަނީ ގުޅިފައި،" އާޒިމް ވިދާޅުވި އެވެ.
އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ އުރީދޫ އިން އަބަދު ވެސް ކުރަމުން އަންނަ މަސައްކަތަކީ އެންމެ ފަހުގެ ޓެކްނޮލޮޖީއާ އެކު ދިވެހި ރައްޔިތުންނަށް ފަސޭހަ އަދި އަވަސް ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން މިއަދު ވެފައިވާ އެއްބަސްވުމުގެ އިތުރުން ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.