25 Sep 2014, 16:24
އދ. މަޖިލިސް (ސެޕްޓެމްބަރ 25) : ދުނިޔޭގެ ގައުމުތަކާ މުޢާމަލާތް ކުރުމުގައި އދ.ގެ ސަލާމަތީ މަޖިލީހުން ގެންގުޅެމުންދާ ތަފާތު ކުރުމާއި ބޭއިންސާފު އުސޫލުތައް ދޫކޮށްލައި ހަމައާއި އިންސާފުން ކަންތައްތައް ކުރުމަށް ސަލާމަތީ މަޖިލީހުގެ މެންބަރު ގައުމުތަކަށް ގަތަރުގެ އަމީރު އައްޝައިޚް ތަމީމް ބިން ޙަމަދު އާލްޘާނީ ގޮވާލައްވައިފި އެވެ.
އދ. ގެ މައިމަރުކަޒުގައި މިހާރު ކުރިޔަށްދާ ޖެނެރަލް އެސެމްބްލީގެ ޖަލްސާތަކުގައި އިއްޔެ ތަގްރީރު ކުރައްވަމުން ގަތަރުގެ އަމީރު ވިދާޅުވީ ދުނިޔޭގެ ހުރިހާ މައްސަލަތަކެއް ޙައްލުކުރުމަށް މަސައްކަތް ކުރަމުން ގެންދާއިރު ފަލަސްތީނުގެ މައްސަލަ ޙައްލުކުރުމަށް ސަލާމަތީ މަޖިލީހުން ސީރިޔަސްކޮށް މަސައްކަތް ނުކުރާ ސަބަބާ މެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމުގަ އެވެ.
ގަތަރުގެ އަމީރު ވިދާޅުވީ ގަދަބާރުން އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނުގެ ހިފާފައިވާ ބިންތައް މިނިވަން ކުރުމަށްޓަކައި އެބިންތަކުން އަވަސް މުއްދަތެއްގައި އިސްރާއީލު ފޭބުން ލާޒިމް ކުރާ ގަރާރެއް އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރަން ޖެހޭ ކަމުގަ އެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ގަތަރުގެ އަމީރު ވިދާޅުވީ އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިޢްމާރާއި އަޅުވެތި ކަމުން ފަލަސްތީނުގެ ރައްޔިތުން ސަލާމަތްކޮށްދީ ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަންދައުލަތެއް ބިނާކޮށްދިނުމަކީ އދ. ގެ ސަލާމަތީ މަޖިލީހުން ކުރަން ޖެހޭނެ ކަމެއް ކަމަށާ އަދި އެކަން އެމަޖިލީހަށް ކުރެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގަ އެވެ.
1967 ގެ ހަނގުރާމައިގާ އިސްރާއީލު ގަދަބާރުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކާއި ސޫރިޔާގެ ގޯލާންގެ ބިންތަކުން ފޭބުމަށް އިސްރާއީލަށް ގޮވާލާ ދެ ގަރާރެއް މީގެސާޅީހަކަށް އަހަރުކުރިން ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވެ އެވެ. ނަމަވެސް މިއީ ނަމަކަށް ފާސްކޮށްފައިވާ ބާރުނެތް ގަރާރެކެވެ. މިގަރާރު ފާސްކޮށްފައި ވަނީ އެއަށް އަމަލު ނުކުރި ނަމަވެސް އިސްރާއީލާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅޭގޮތަށް އދ. ގެ ޗާޓަރުގެ 7 ވަނަ މާއްދާގެ ދަށުންކަމަށް ނުވާތީ މިއީ އެއަށް އަމަލުކުރަން އިސްރާއީލަށް މަޖްބޫރު ކުރުވާ ގަރާރެއް ނޫނެވެ. އެހެންކަމުން މިގާރަށް އަމަލުނުކޮށް މިގަރާރުގައި ފޭބުމަށް ގޮވާލާ ފަލަސްތީނުގެ ބައެއް ބިންތަކާއި ސޫރިޔާގެ ގޯލާންގެ ބިންތައް އިސްރާއީލުން ވަނީ އެގައުމުގެ އަމިއްލަ ބިމުގެ ގޮތުގައި ނިންމައި އެތަންތަނުގައި ދުނިޔޭގެ އެކިގައުމުތަކުގެ ޔަހޫދީން ވަޒަންވެރި ކުރުވަން ފަށާފަ އެވެ.
އަނެއްކޮޅުން އިސްރާއީލު ފައިބަންޖެހޭ ފަލަސްތީނުގެ ބިންތަކުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ފަލަސްތީނުން ކުރަމުން ގެންދާ މަސައްކަތްތަކަށް ވެސް އދ. ގެ ސަލާމަތީ މަޖިލީހުން ގެންދަނީ ހުރަސްއަޅަމުންނެވެ. އަދި އިސްރާއީލު ނިގުޅައިގެންފައިވާ ފަލަސްތީނުގެ ހައްގުތައް ހޯދުމަށް ސަލާމަތީ މަޖިލީހުގައި އަރަބިންނާއި ފަލަސްތީނުން ހުށަހަޅާކޮންމެ ގަރާރަކާ ދެކޮޅަށް އެމަޖިލީހުގައި ހިމެނޭ އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ބާރުތަކުން ގެންދަނީ ވީޓޯ ކުރަމުންނެވެ. (އަލްޖަޒީރާ)