21 Jan 2011, 10:43
ވޮޝިންގޓަން : ޗައިނާގެ ރައީސް ހޫޖިންޓާއޮ އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޗައިނާ ސަރުކާރުން އެމެރިކާގެ ކުންފުނިތަކާއެކު 45 ބިލިޔަން އެމެރިކާ ޑޮލަރުގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ. މީގެތެރޭގައި، ޗައިނާއަށް ބޭނުންވާ މަތިންދާބޯތުތަކުގެ ތެރެއިން 200 މަތިންދާބޯޓު އެމެރިކާގެ ބޮއިންގ ކުންފުނިން ގަތުމުގެ އެއްބަސްވުމެއްވެސް ހިމެނެއެވެ. މި 200 މަތިންދާބޯޓު ގަތުމަށް ޗައިނާއިން 19 ބިލިޔަން ޑޮލަރު ޚަރަދު ކުރާނެ ކަމަށްވެސް އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވިއެވެ.
އެމެރިކާގެ ކުންފުނިތަކާއެކު ޗައިނާ ސަރުކާރުން ސޮއިކުރި އެހެން އެއްބަސްވުންތަކުގެ ތެރޭގައި ދަނޑުވެރިކަމާ އަދި ކޮމިއުނިކޭޝަނާބެހޭ ޒަމާނީ އާލާތްތައް ގަތުމާއި ސްޕަރ ކޮންޕިއުޓަރާއި އެނޫންވެސް އެމެރިކާގެ ހައިޓެކް އުފެއްދުންތައް ގަތުމުގެ އެއްބަސްވުންތައް ހިމެނެއެވެ. އެމެރިކާގެ ކުންފުނިތަކާއެކު ޗައިނާ ސޮއިކުރި މިއެއްބަސްވުންތަކުގެ ސަބަބުން އެމެރިކާގެ އިޤްތިސާދަށް އާރޯކަންލިބި 2 ލައްކަ ތިރީސް ފަސްހާސް ވަޒީފާ އިތުރު ކުރުމުގެ ފުރްސަތު އެމެރިކާއަށް ތަނަވަސްވެގެންދާނެ ކަމަށް ޚަބަރު ލިބެއެވެ.
މީގެ ހަތަރު ވަރަކަށް އަހަރު ކުރިން އެމެރިކާގެ އިޤްތިސާދަށް ކުރިމަތިވި ހީނަރުކަމުން އަދިވެސް އެމެރިކާ ސަލާމަތެއް ނުވެއެވެ. މިހީނަރުކަމުން އެމެރިކާ އަރައިގަތުމުގައި އެމެރިކާއާއެކު ޗައިނާ ސޮއިކުރި މިއެއްބަސްވުންތައް މުހިއްމު ދައުރެއް އަދާކުރާނެ ކަމަށް އެމެރިކާގެ މަސްއޫލުވެރިން ދެކެވަޑައިގަންނަވައެވެ. ޗައިނާއަކީ އިޤްތިދާސީ ގޮތުންނާއި ޢަސްކަރީ ގޮތުންނާ އަދި ޓެކްނޮލޮޖީގެ ގޮތުން ދުނިޔޭގައިވާ އެމެރިކާ އެންމެ ބޮޑަށް ޖެހިލުންވާ ޤައުމެވެ. އިޤްތިސާދީ ލަފާކުރުންތައް ދައްކާގޮތުން 2022 ވަނަ އަހަރުގެ ކުރިން ޗައިނާ އެެމެރިކާގެ މައްޗަށް ކުރިހޯދާނެއެވެ.