25 Sep 2014, 16:21
ދީރުއްޒޫރު (ސެޕްޓެމްބަރ 25) : ސޫރިޔާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ދެޖަމާއަތް ކަމަށްވާ އައިއެސް ޖަމާއަތާއި ޖަބްހަތުއްނުސްރާ ޖަމާއަތުގެ މަރުކަޒުތަކަށް އެމެރިކާ މިއަދު ދިން ވައިގެ ވަރުގަދަ ޙަމަލާތަކެއްގައި އާންމުންގެ 10 މީހުންނާއި ހަނގުރާމަވެރިންގެ ހަ މީހުން މަރުވެއްޖެ އެވެ.
ސޫރިޔާގައި ތިއްބަވާ އަލްޖަޒީރާގެ މުރާސިލުން ހާމަކުރާ ގޮތުގައި މިއަދު ހެނދުނުން ފެށިގެން ދެމުންގެންދާ ޙަމަލާތައް އަމާޒުކޮށްފައި ވަނީ ސޫރިޔާގެ އުތުރުގައިވާ އައްރިއްގާއާއި ދިރުއްޒޫރްގެ އިރުމައްޗަށާއި ހަލަބްގެ ރައްފުށުގެ ހިސާބުތަކުގައިވާ ހަނގުރާމަވެރިންގެ އަމާޒުތަކަށެވެ. މީގެ ތެރޭގައި ތެޔޮސާފުކުރާ ކާރުޚާނާތަކާއި ކޮމިއުނިކޭޝަން ޓަވަރުތައް ވެސް ހިމެނެ އެވެ. ދީރުއްޒުރުގެ އިރުމަތީގައިވާ ތެލުގެ މަރުކަޒުތަކަށް ދިން ހަމަލާތަކުގައި ސައޫދީ އަރަބިޔާގެ ފައިޓަރޖެޓްތައް ވެސް ބައިވެރިވި ކަމަށާއި މިއަދުގެ ޙަމަލާތަކުގައި މަރުވި ހަ ހަނގުރާމަވެރިން ނިސްބަތް ވަނީ އައިއެސް ޖަމާއަތަށްކަމަށް އަލްޖަޒީރާ ބުނެ އެވެ.
އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންއިން ބުނީ މިއަދު ސޫރިޔާ އަށް ދިން ޙަމަލާތަކުގައި އެމެރިކާ އިން 2005 ވަނަ އަހަރު އުފެއްދި އެންމެ ޒަމާނީ މަރުކާގެ ފައިޓަރޖެޓް ކަމަށްވާ އެފް 22ގެ ފައިޓަރޖެޓް މަތިންދާބޯޓު ވެސް ބޭނުންކޮށްފައިވާނެ ކަމުގަ އެވެ. މިއީ މިބާވަތުގެ ބޯޓު ހަނގުރާމައެއްގައި ބޭނުންކުރި ފުރަތަމަ ފަހަރެވެ. މިބޯޓުތައް ތަޖްރިބާކުރުމަށް ބޮންއަޅާފައިމި ވަނީ ސޫރިޔާގެ ރައްޔިތުންގެ ބޮލަށެވެ.
ސޫރިޔާއިން ލިބޭޚަބަރުތައް ބުނާގޮތުން އެމެރިކާގެ ޙަމަލާތަކުގައި މަރުވި އާންމުންގެ 10 މީހުންގެ ތެރޭގައި ހިމެނެނީ ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިންނެވެ. ހަނގުރާމަވެރިންގެ އަމާޒުތަކަށް ކަމަށްބުނެ އެމެރިކާ ދޭ ވައިގެ ޙަމަލާތައް ސޫރިޔާގެ އާންމު ރައްޔިތުންގެ ގެދޮރަށާއި މަދަނީ ތަންތަނަށް ވަރަށްބޮޑަށް އަރަމުންދާ ކަމަށް މުރާސިލުން ބުނެ އެވެ. އަނެއްކޮޅުން އެމެރިކާގެ ވައިގެ ޙަމަލާތަކާ ގުޅިގެން އައިއެސްގެ ހަނގުރާމަވެރިން ވެސް ހިޔާވަހިކަން ހޯދުމަށް ގެދޮރަށާއި އާންމު އިމާރާތްތަކަށް ވަންނަމުންދާތީ އެމެރިކާ ފަށާފައިވާ ކޮޅެއް ކުރިއެއް ނޭންގޭ ވައިގެ މިޙަލާތަކަކީ އިރާގުގެ އާންމުންގެ ފުރާނައަށް ވަރަށް ނުރައްކާތެރި ހަމަލާތަކެއް ކަމަށް އަސްކަރީ ތަޖްރިބާކާރުން ބުނެ އެވެ.
އެމެރިކާގެ ޙަމަލާތަކުގެ ސަބަބުން ސޫރިޔާގެ އުތުރު ސަރަހައްދުތަކުގެ އާންމު ރައްޔިތުން ނުރައްކާތެރިކަމުން ފުރިގެންވާ ބިރުވެރިކަމެއްގެ ތެރޭގައި އުޅެމުންދާ ކަމަށާއި ކުޑަކުދިންނާއި އަންހެނުންނަށް އައިއެސްގެ ފަރާތުންނާއި އެމެރިކާ އާއި އެމެރިކާގެ ބައިވެރިންގެ ފަރާތުންނާ އަދި ސޫރިޔާ ސަރުކާރުގެ ފަރާތުން ވެސް ލިބެމުން ދަނީ ހުސް އަނިޔާއާއި ރަހުމުކުޑަ ހަމަލާތައް ކަމަށާއި މިއީ ހިތްފަޅައިގެންދާ ފަދަ މަންޒަރުތަކެއް ކަމަށް މުރާސިލުން ސިފަކުރެ އެވެ. (އަލްޖަޒީރާ)