މިނިވަންނޫސް ހިންގާ އިމާރާތުގައި އެ އޮފީސް ހުންނަ ބައިގައި ހަރުކޮށްފައި ހުރި ސީސީޓީވީ ކެމެރާއެއް ވަގަށް ނަގައި މިނިވަން ނޫހުގެ ޖާނަލިސްޓުންނަށް އިންޒާރުދޭ މައްސަލަ ފުލުހުންނަށް ހުށަޙަޅައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ބޮޑުތަކުރުފާނުމަގުން ތަސްކަލޫސާގެ އުތުރަށް ހުންނަ މިނިވަން ނޫހުގެ އޮފީހުގައި ހަރުކޮށްފައި ހުރި ކެމެރާއެއް ގެއްލިގެން ފުލުހުންގެ އިދާރާ އަށް މިއަދު މެންދުރު 14:50 އެހާކަންހާ އިރު ބަޔަކު ހުށަހަޅާފައިވާ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ތުހުމަތުގައި އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިނިވަން ނޫހުގެ ޑެޕިއުޓީ އެޑިޓަރު ޒަހީނާ ރަޝީދު މިއަދު ސަން އަށް ވިދާޅުވީ އެ ނޫހުގެ ސެކިއުރިޓީ ބަލަހައްޓަން ހަރުކޮށްފައި ހުރި ކެމެރާ ވަގަށް ނަގައި އޮފީސް އިމާރާތުގައި ހުރި އެޕާޓްމަންޓަކަށް ވަޅިޖެހުމުން އެ ނޫހުގެ ނޫސްވެރިން ވަރަށް ބޮޑު ބިރުވެރިކަަމެއްގެ ތެރޭގައިވާ ކަމަށާއި އެ މައްސަލަ ބަލައި ދިނުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ނޫހުގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.

"އެ ސީސީޓީވީ ކެމެރާ ވަގަށް ނެގިކަން އެނގުނީ ސީސީޓީވީގެ ކެމެރާ އަޅުވާފައި އިންނަ ސްކްރީންނަށް ނޯ ވީޑިއޯ އަރައިގެން ބެލީމާ. ކެމެރާގެ ފޫޓޭޖުން ފެނޭ މީހަކު ސީސީޓީވީ ކެމެރާ ނައްޓާލައިގެން ދާތަން. ސީސީޓީވީ ކެމެރާ ހިފައިގެން ދިޔަ ފަހުން ސައިކަލެއްގައި އައި އިތުރު ދެ މީހަކު މި އޮފީހުގެ ކުރިމަތީގައި ހުންނަ އެޕާޓްމަންޓްގެ ދޮެރަށް ކަތިވަޅިޖެހި ކަމަށް ސެކިއުރިޓީ ބުނޭ،" ޒަހީނާ ވިދާޅުވި އެވެ.

ތަސްކަލޫސާގެ އިރަށް ހުންނަ މިނިވަން ނޫސް ހުންނަ އޮފީސް ހުންނަ އިމާރާތް -- ސަން ފޮޓޯ/ ޝަރުވާން


ސަން އަށް އެނގިފައިވާ ގޮތުގައި މިނިވަން ނިއުސް ހުންނަ ބައިގާ ހަރުކޮށްފައި ހުރި ސީސީ ޓީވީ ކެމެރާ ވަގަށް ނެގިފަހުން، އެތަނަށް އައި މީހުން ފިލީ އެ އޮފީސް ކުރިމަތިން މީހުން ދިރިއުޅޭ އެޕާޓްމަންޓުގެ ދޮރަށް ކަތިވަޅިއެއް ޖެހުމަށް ފަހު އެވެ.