އިޓަލީ ލީގުގައި 3-0ން ސެސީނާގެ މައްޗަށް ކުރި ހޯދައި ޔުވެންޓަސް އިން ލީގު ތާވަލުގެ އެންމެ ކުރީގައި ހަމަޖެހިލައިފި އެވެ.

އިޓަލީގެ ކުއެސޯ ގުއެޓަނޯ ސްޓޭޑިއަމްގައި ރޭ ކުޅުނު ސެރިއޭ މެޗުގައި ޔުވެންޓަސްއަށް ފުރަތަމަ ގޯލްޖަހައި ލީޑު ހޯދައިދިނީ ޗިލިއަން މިޑްފީލްޑަރު އައުޓްރޯ ވިޑާލް އެވެ. ޗިލީގެ ހުނަރުވެރި ކުޅުންތެރިޔާ ގޯލް ޖެހީ މެޗުގެ 18 ވަނަ މިނުޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ.

ކާލޮސް ޓެވެޒް އާއި ޕައުލް ޕޮގްބާ އާއި ދެމީހުން ބެންޗުން ސްޓާޓް ކުރި މެޗުގެ ފުރަތަމަ ހާފުގައި ޔުވެންޓަސް އިން ވަނީ ސެސީނާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. މިގޮތުން ޔުވެންޓަސްގެ އޮބަގަންނާއަށް ލިބުނު ފުރުސަތު ބޭކާރު ކޮށްލީ ގޯލް ދަނޑި ކައިރިން ބޭރަށް ބޯޅަ ފޮނުވާލައިގެންނެވެ. ރޭގެ މެޗުގައި ޔުވެންޓަސްގެ ފޯވަޑް ލައިން ލީޑް ކުރި ސްޕެއިން ކުޅުންތެރިޔާ ފެނާންޑޯ ލޮރެންޓޭއަށް ވެސް ވަނީ ގޯލް ޖަހާނެ ފުރުސަތުތަކެއް ލިބިފައެވެ.

ދެވަނަ ހާފު ފަށައިގެން 64 ވަނަ މިނިޓުގައި ވިޑާލް ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް މި ސީޒަންގައި ޔުވެންޓަސް ދަމަހައްޓަމުން އަންނަ 100 އިންސައްތަ މޮޅުވުމުގެ ސިލްސިލާ ގައި އިތުރު 3 ޕޮއިންޓް އެޓީމަށް ކަށަވަރު ކޮށްދީފައެވެ.

މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް 85 ވަނަ މިނިޓުގައި ސްޓެފަން ލިޗްސްޓެއިނާ ވަނީ މެޗުގައި ޔުވެންޓަސް އިން ޖެހި ތިންވަނަ ގޯލް ޖަހައި 3-0 ކަށް ލީޑު ފުޅާކޮށްދީފައެވެ.

މި މޮޅާއެކު ޔުވެންޓަސް އޮތީ އޭއެސް ރޯމާ އާއި އެއް އަދަދަކަށް ޕޮއިންޓް ލިބިގެން ގޯލްގެ ތަފާތުން ތާވަލުގެ އެންމެ ކުރީގައެވެ. މި ދެޓީމަށް ވެސް 12 ޕޮއިންޓް ލިބިފައިވާއިރު ރޭގެ މެޗުން ބަލިވި ސެސީނާ އޮތީ ހަތަރު ޕޮއިންޓާއެކު ތާވަލުގެ ތޭރަ ވަނައިގައެވެ.